އެމްޑީޕީ ސަރުކާރުން ޓެކްސް ބޮޑުކުރީ ލޯނު ނެގުމުގެ ހުރިހާ ދޮރެއް ބަންދުވުމުން: މެންބަރު މަންޑޭ

އެމްޑީޕީ ސަރުކާރުން ޓެކްސް ބޮޑުކުރީ ލޯނު ނެގުމުގެ ހުރިހާ ދޮރެއް ބަންދުވުމުން: މެންބަރު މަންޑޭ

1 hour ago - 09:45

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނާ ސީދާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރަން މަޖުބޫރުވީ، ބޭރުގެ މާލީ އިދާރާތަކުން ލޯނު ނެގުމަށް ރާއްޖެއަށް އޮތް ހުރިހާ ދޮރެއް ބަންދުވުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.


މެންބަރު މަމްދޫހު މިފަދައިން ވިދާޅުވީ، ކޮލަމާފުށީ ދާއިރާގެ މެންބަރު ހުށަހެޅުއްވި ދިވެހިރާއްޖޭގެ ޓެކްސް ނެގުމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/2011) އަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.


އޭނާ ވިދާޅުވީ، މިހާރު އިދިކޮޅު އެމްޑީޕީން އެންމެ ވަރުގަދައަށް ދައްކާ އެއް ވާހަކައަކީ، މި ސަރުކާރުން ސިޔާސަތުތައް ބައްޓަންކުރަނީ އާންމު ރައްޔިތުންނަށް ދަތިވާ ގޮތަށް ކަމަށް ބުނެ ދައްކާ ވާހަކަތައް ކަމަށެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި އޭރުގެ އެމްޑީޕީ ސަރުކާރުން ޖީއެސްޓީ ބޮޑުކުރީ ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ހަމަޖައްސާނެ އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށް މަމްދޫހު ފާހަގަކުރެއްވިއެވެ. އެގޮތުން، ތަފާތު ބޭންކުތަކާއި މާލީ އިދާރާތަކުން ރާއްޖެއަށް ލޯނު ނެގެން ހުރި ހުރިހާ ފުރުސަތެއް ބަންދުވަންދެން ލޯނު ނެގުމަށްފަހު، އެންމެ ފަހުން ސީދާ ރައްޔިތުންނާ ގުޅުންހުރި ޓެކްސް ބޮޑުކުރަން އޭރު މަޖުބޫރުވީ ކަމަށް އޭނާ ހާމަކުރެއްވިއެވެ.


މީގެ އިތުރުން މަމްދޫހު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ދައުރުގެ ވަކި ހިސާބަކަށް އައިއިރު ވެސް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އާންމު ރައްޔިތުންނާ ސީދާ ގުޅުންހުރި އެއްވެސް ޓެކްސެއް ބޮޑުކޮށްފައެއް ނުވެއެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އިގްތިސާދީ މިސްރާބު ރަނގަޅުކޮށްގެން، ދައުލަތަށް އާމްދަނީ ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.


މަޖިލީހަށް މިހާރު ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން މަމްދޫހު ވިދާޅުވީ، ވިޔަފާރިތަކަށް ކުރިން ދިމާވި ގޮންޖެހުންތައް މި ބަދަލާއެކު ނެތިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބުރައަކަށް ނުވާނެހެން ޤާނޫނުތަކަށް އިސްލާހު ގެނެސްގެން، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow