ރާއްޖޭގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް މުޢިއްޒު ދަޢުވަތު ދެއްވައިފި

ރާއްޖޭގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް މުޢިއްޒު ދަޢުވަތު ދެއްވައިފި

3 hours ago - 10:55

ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ތަފާތު ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ރާއްޖެއާއެކު ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ދަޢުވަތު ދެއްވީ، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ތަޤުރީރުކުރައްވަމުންނެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ޚާރިޖީ އަދި ސިޔާސީ ގުޅުން ބަދަހި ނަމަވެސް، އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން އަދިވެސް އޮތީ އެންމެ އެކަށޭނަ މިންވަރަށް ފުޅާނުވެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރާއްޖެއަކީ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށްވާތީ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ވަރުގަދަ ސަޕްލައި ޗެއިނެއް އޮތުމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ކޯލްޑް ޗެއިން ލޮޖިސްޓިކްސްއާއި، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތައް ޤާއިމުކުރުމަށާއި، ކާބޯތަކެތި ޕްރޮސެސްކުރުމުގެ އިތުރުން މޫސުމާ ރައްޓެހި ދަނޑުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.


ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރުމަށް ދަތުރުފަތުރުގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި ރައީސް ވަނީ، ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ކަނޑުމަގުން ސީދާ ގުޅުންތައް ޤާއިމުކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.


ޞިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގައި ފެންވަރު ރަނގަޅު ބޭހާއި މެޑިކަލް ސާމާނަށް އޮތް ބޮޑު ޑިމާންޑް ފުއްދުމަށްޓަކައި ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނިތަކަށާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ރާއްޖެއިން މަރުޙަބާ ކިޔާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޕާކިސްތާނުގެ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގ ކުންފުނިތަކަށް ދަޢުވަތު ދެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ގެންގުޅޭ އަމާޒަށް ވާޞިލުވުމަށްޓަކައި، އެ ދާއިރާއިން ރާއްޖޭގައި ހުރި ފަހި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށްވެސް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow