ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ސިނާން ކާމިޔާބު ކުރައްވައިފި

ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ސިނާން ކާމިޔާބު ކުރައްވައިފި

2 hours ago - 17:22
Apr 25, 2026 - 17:41

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި ސިނާނާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ) އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުރި ވޯޓު ފޮއްޓާއި މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ސިނާން ވަނީ ސައީދުގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ.

މި އިންތިހާބުގައި މާލޭ ކަލާފާނު ސުކޫލުގައި ބެހެއްޓުނު ވޯޓު ފޮށިން ސިނާންއަށް 59 ވޯޓު ލިބުނު އިރު ސައީދަށް ލިބިވަޑައިގެންނެވީ 37 ވޯޓެވެ. އަދި ބާތިލް 7 ވޯޓެވެ.

އަދި އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިން ސިނާންއަށް 167 ވޯޓު ލިބުނު އިރު ސައީދަށް ލިބިވަދައިގެންނެވީ 150 ވޯޓެވެ. އަދި ބާތިލް 2 ވޯޓެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ އައްޑޫ ސިޓީ ހިތަދޫގައި ދިރިއުޅޭ މެންބަރުންނަށް ހިތަދޫ ސްކޫލުގައެވެ. އަދި މާލެ އާއި އެހެނިހެން ރަށްރަށުގައި ދިރިއުޅޭ މި ދާއިރާގެ މެންބަރުންނަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މާލޭގެ ކަލާފާނު ސްކޫލުގައެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 727 މެންބަރުންނަށް ލިބިފައިވެއެވެ.

މި ދާއިރާގެ ބައި-އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ މޭޔަރުކަން 10 އަހަރު ދުވަހު ކުރެއްވި އަދި ކުރީގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި އަބްދުﷲ ޞާދިޤް (ސޯބެ) އެވެ. އެމްޑީޕީގެ ޓިކެޓަށް ސޯބެ އެކަނި ކުރިމަތިލެއްވުމުން، ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ އެ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ.

މި އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މަޖިލީހުގެ ތާއީދު އިތުރުކުރުމަށްޓަކައި ޕީއެންސީން ވަރަށް ބޮޑު އިސްކަމެއްދޭ އިންތިޚާބެކެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި މުޙައްމަދު ސިނާނަށް ގިނަ ބަޔަކު ދަނީ މަރުޙަބާ ކިޔަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow