ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި
ކުރިއަށް އޮތް 72 ގަޑިއިރު ނުވަތަ ތިން ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، މި ދުވަސްތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުންވެސް އެކަށީގެންވެއެވެ. ނަމަވެސް، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ނުބެލެވޭ ކަމަށާއި، ފޯރާނީ ކެރީގެ އަސަރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ވައިގެ ދުވެއްޔަށް ބަލާއިރު، ކުރިއަށް އޮތް ތިން ދުވަހު ވައި އެނބުރޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ މަޑު ބާރުމިނެއްގައެވެ. މި ދުވަސްވަރު ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށާއި، ރާޅުގެ އެންމެ އުސްމިން ހުންނާނީ 3 ފޫޓުގައި ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ވޭތުވެދިޔަ ދުވަސްތަކަކީ ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްތަކެއް ނަމަވެސް، ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވާރޭވެހެމުންނެވެ. މި ވިއްސާރައާއެކު، ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދިޔަ ހޫނުގަދަ މޫސުމަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ.
ރިއެކްޝަންސް





