ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެ ގައުމުން އިންޒާރު ނެރެފި
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ ރައްޔިތުން އިތުރުވަމުންދާތީ، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ.
ބުރާސްފަތި ދުވަހު ނެރުނު މި ބަޔާނުގައި، ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުން ސަމާލުވުމަށް ވަނީ އިންޒާރުދީފައެވެ. އެންސީބީން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަދާފައިވާ ގާނޫނުތައް މިހާރު ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން، މަސްތުވާތަކެތީގެ ސީރިއަސް ކުށްތަކަށް މަރުގެ އަދަބު ދޭ ގޮތަށް ހަމަޖައްސާފައިވާކަން އެ ބިއުރޯއިން ވަނީ އެ ގައުމުގެ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެޑްވައިޒަރީގައި ބުނެފައިވަނީ ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށާއި، ރާއްޖޭގެ ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށްޓަކައި ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
ދަތުރުވެރިންނަށް އިރުޝާދު ދެމުން އެންސީބީން ބުނެފައިވަނީ އެއާޕޯޓްތަކާއި، ކަނޑު ބަނދަރުތަކާއި، ޓްރާންސިޓް ޕޮއިންޓްތަކުގައި އުޅޭއިރު ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށެވެ. އަދި ދަތުރުވެރިންގެ އަމިއްލަ ފޮށިތަކާއި ދަބަސްތަކަށް އަބަދުވެސް ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، ބޯލެނބުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިއާގެ ގިނަ ބަޔަކު ވަނީ އަތުލައިގަނެފައެވެ. އެގޮތުން މިދިޔަ މަހާއި މި މަހުގެ ތެރޭގައި އެކަނިވެސް ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 6.7 ކިލޯގެ ހަޝިޝް އޮއިލްއާ އެކު ބަޔަކު ހައްޔަރުކުރުމާއި، އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުން ހިމެނެއެވެ. އަދި މި މަހުގެ ތެރޭގައި ވެސް 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އިންޑިއާގެ އަންހެނުންތަކެއް ވަނީ ރާއްޖެއިން އަތުލައިގެންފައެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މަސްތުވާތަކެތީގެ ކުޑަ މިންވަރެއް އަތުން ފެނުނަސް ބޮޑެތި އަދަބުތައް ލިބޭއިރު، އޭގެ ތެރޭގައި އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު ހިމެނެއެވެ. އެހެންކަމުން، މިފަދަ ނުރައްކާތެރި ކުށްތަކުން ދުރުހެލިވުމަށް އިންޑިއާ ސަރުކާރުން މިހާރު ދަނީ އެ ގައުމުގެ ރައްޔިތުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
ރިއެކްޝަންސް





