ގދ. ވާދޫން މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ގދ. ވާދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ، ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވާދޫ ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ މީހުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އަދި އަތުލައިގަނެވުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމު ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އަޝްރަފް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





