
ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު މެންދުރު ދެ ފަނޑިޔާރުން މަގާމުން ވަކިކުރައްވަން ފާސްކުރައްވާ, އެކަން ރައްޔިތުންގެ މަޖިލިހަށް ވަނީ ފޮނުއްވާފައެވެ. އެއީ ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އާއި އަލްއުސްތާޛު މަހާޛު އަލީ ޒާހިރު އެވެ.
ދެ ފަނޑިޔާރުންވެސް ވަކިކުރަން ފެންނަކަމަށް މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެދެފަނޑިޔާރުންގެ މައްސަލަ ބަލަން އެކުލަވާލި ތިން މެމްބަރުންގެ ކޮމިޓީންވެސް ނިންމެވީ ފަނޑިޔާރު ކަމުން އެދެބޭފުޅުން ވަކިކުރައްވަން ފެންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ މިހާރު ވަނީ މަޖިލިހުގެ ވެބްސައިޓްގައި ޢާއްމު ކުރައްވާފައެވެ. ދެފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ވަކި ދެ ސިޓީއެއް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާފައިވާކަން އެޖެންޑާއިން އިނގެއެވެ.
ފަނޑިޔާރުން މަގާމުން ވަކިވާނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.
ރިއެކްޝަންސް






