ގެދޮރު ގަތުމާއި ބިނާކުރުމަށް ސަރުކާރުންދޭ ހިލޭ އެހީއަށް ކުރިމަތިލުން އާދިއްތަ ދުވަހު
އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ "ހެލްޕް-ޓު-ބައި" އަދި އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް އެހީތެރިވެދޭ "ހެލްޕް-ޓު-ބިލްޑް" ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހެނދުނު 11:00 އިން ފެށިގެން ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ތައާރަފުކުރި މި ދެ ސްކީމުގެ މައިގަނޑު މަގުސަދަކީ ގެދޮރުވެރިވުމުގައި އާންމުން އުފުލަންޖެހޭ މާލީ ބުރަ ލުއިކޮށްދިނުމެވެ. މި ދެ ސްކީމަށް ވެސް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.
ހެލްޕް-ޓު-ބައި: ގެދޮރު ގަތުމަށް ދޭ އެހީގެ މުހިންމު ބައިތައް
މި ސްކީމް ބަހާލާފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ:
ކެޓަގަރީ 1 (އެފޯޑަބަލް ހައުސިން): މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ޕްރައިވެޓް ޑިވެލޮޕަރުން އަޅާ ހެޔޮ އަގުގެ ޔުނިޓްތައް ގަތުމަށް -/250،000 ރުފިޔާގެ ހިލޭ އެހީ ދޭނެ އެވެ. ޝަރުތަކީ އެމީހެއްގެ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނެތުމެވެ.
ކެޓަގަރީ 2 (މާކެޓް ރޭޓް ޔުނިޓްސް): މުޅި ރާއްޖެއަށް ހުޅުވާލައިގެން ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް -/250،000 ރުފިޔާގެ ހިލޭ އެހީ ދޫކުރާނެ އެވެ. އެޕްލިކޭޝަން ހުށަހެޅޭނީ ޔުނިޓެއް އެލޮޓްވި ކަމުގެ ލިޔުމާ އެކު ނުވަތަ އެ ލިޔުން ލިބުމުގެ ކުރިން ވެސް މެއެވެ.
މާކެޓް ރޭޓް ކެޓަގަރީގެ މައިގަނޑު ޝަރުތުތައް:
އުމުރުން 18 އަހަރު ފުރިފައިވާ އަލަށް ގެދޮރު ގަންނަ ފަރާތަކަށް ވުމާއި ބޭންކު ފައިނޭންސިންއަށް ޝަރުތު ހަމަވުން.
ގްރޭޓާ މާލެއިން ގަންނަނަމަ ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނެތުން، އަދި އެހެން ރަށަކުން ނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނެތުން.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން މީގެ ކުރިން ތަނެއް ލިބިފައި ނުވުމާއި، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ސަރުކާރު މެދުވެރިކޮށް ހައުސިން ލޯނެއް ނަގާފައި ނުވުން.
ހެލްޕް-ޓު-ބިލްޑް: ގެދޮރު އެޅުމަށް ދޭ އެހީގެ މުހިންމު ބައިތައް
މިއީ އަމިއްލަ ނަމުގައިވާ ގޯތީގައި އަލަށް ގެއެއް އެޅުމަށް، ނުނިމި ހުރި އިމާރާތެއް ނިންމުމަށް ނުވަތަ ބާވެފައިވާ ގެއެއް އަލުން ހެދުމަށް ދޫކުރާ އެހީއެކެވެ:
އަތޮޅުތެރޭގެ ރަށްރަށަށް: ގޯއްޗަކަށް -/200،000 ރުފިޔާގެ ހިލޭ އެހީ.
މާލެ ސަރަހައްދަށް (ވިލިމާލެ/ހުޅުމާލެ ނުލައި): ގޯތީގެ ހިއްސާދާރުންގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ މީހަކަށް -/200،000 ރުފިޔާގެ މަގުން، އެންމެ ގިނަވެގެން ފަސް މީހުންނަށް -/1،000،000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ހިލޭ އެހީ.
ފައިނޭންސިންގެ އިތުރު ފުރުސަތު: ސަރުކާރުގެ ހިލޭ އެހީގެ އިތުރުން މާލީ އިދާރާތަކުން އިތުރު ފައިނޭންސިން ހަމަޖެއްސިދާނެ އެވެ. ނަމަވެސް ކުރިން ނަގާފައިވާ ލޯނެއް ރީފައިނޭންސް ކުރާކަށް މި ފެސިލިޓީ ބޭނުމެއް ނުކުރެވޭނެ އެވެ.
25 އަހަރުގެ ޝަރުތު: މި އެހީގައި އިމާރާތްކުރާ ގެ، 25 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައިފި ނަމަ ދައުލަތުން ދިން ހިލޭ އެހީގެ ފައިސާ އަނބުރާ ސަރުކާރުގެ ހައުސިން ފަންޑަށް ދައްކަން ޖެހޭނެ އެވެ.
ރިއެކްޝަންސް





