ދިވެހި ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މުހިންމު ބަދަލުތަކެއް ގެނެސްފި

ދިވެހި ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މުހިންމު ބަދަލުތަކެއް ގެނެސްފި

53 minutes ago - 09:49
Advertisement
Advertisement

ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނެސް އެކަން މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އިއުލާނު ކޮށްފިއެވެ. މި ބަދަލުތައް ގެންނަން ނިންމާފައިވަނީ 2026 އޮގަސްޓު 28 ވަނަ ދުވަހުން ފެށިގެންނެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް "ޕާސްޕޯޓު ބުކްލެޓް" ފޯރުކޮށްދެމުން އަންނަ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ސްޓޮކް ލިބުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. އެ މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، ކުރިން ލަފާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން، އައު ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަހުގެ ނިޔަލަށެވެ. އެހެންކަމުން މި ބަދަލުތަކަކީ މިހާރު ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖްކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެކެވެ.


އިމިގްރޭޝަނުން ގެނައި ބަދަލުތަކުގެ ތެރޭގައި، ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުން: ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެ ފަރާތްތަކުގެ މިހާރުގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުން އަދި އިމަޖެންސީ ޕާސްޕޯޓު ދޫކުރުން: އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ކުރު މުއްދަތަކަށް ދަތުރުކުރާ ގައުމުތަކަށް ފުރާ މީހުންނަށް "އިމަޖެންސީ ޕާސްޕޯޓު" ދޫކުރުން ހިމެނެއެވެ. 

މި އިމަޖެންސީ ޕާސްޕޯޓަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް 8 ސަފްހާގެ ޕާސްޕޯޓެކެވެ. މީގެއިތުރުން، ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.


އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ ފާއިތުވި 10 އަހަރު ދުވަހު ވެސް މިފަދަ އެއްވެސް މައްސަލައެއް ދިމާނުވެ، އިތުބާރާއެކު ހިދުމަތް ފޯރުކޮށްދީފައިވާ ފަރާތެކެވެ.


ހިދުމަތްތަކަށް މިވަގުތީ ބަދަލުތައް ގެނައި ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ދީފައެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ އިދާރާއިން ވަނީ މާފަށް އެދިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement