
އައްޑޫ ސިޓީގައި މީހަކު ރަހީނުކުރި ބަޔަކު ހައްޔަރުކޮށްފި
ރަހީނުކުރި މީހާ އިނީ ބަނދެ, ބޮލުން ބައެއް ބާލާފަ
އައްޑޫ ސިޓީގައި މީހަކު ރަހީނުކުރި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ރޭ ދަންވަރު މީހަކު ރަހީނުކޮށް, އެމީހާ ޖޯއްޔެއްގައި ބަނދެ ބޮލުން ބައެއްވެސް ވަނީ ބާލާފައި ކަމަށެވެ.
ރަހީނުކޮށް އަނިޔާކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނަކަށެވެ. މިމައްސަލައިގެ ތުހުމަތަށް ހިތަދޫގެ 5 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ވިޝަން ޑްރީމް ސަމާހު ތައުފީގު އާއި ގްރޭސް, މުޙައްމަދު ޔައީސް އަޒާދު އާއި ނޫތަރި, އަޝްރަފް މުހައްމަދާއި, މެރީ ގާޑެން އަލީ މާޒިން ހަސަން އެވެ. މިއީ 20-22 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ދެން ހިމެނެނީ 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް, ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން އެސަރަހައްދުގައި ތިބި ބަޔަކު ދުވެ ފިލަން ދުވި މަންޒަރު ފެނި, ޝައްކުވެގެން ބެލުމުގެ ތެރޭގައި ފާހަގަކުރެވިގެން ކަމަށެވެ. ބަންދުކުރި ހަތަރު މީހުންގެ ތެރެއިން ސަމާހު އާއި އަޝްރަފްގެ ބަންދަށް ކޯޓުން ވަނި 15 ދުވަސް ޖަހާފައެވެ. އަދި ޔައީޝް އާއި މާޒިންގެ ބަންދަށް ޖެހީ 7 ދުވަހެވެ. ތުހުމަތުކުރެވޭ ކުޑަކުއްޖާ ފުލުހުން ވަނީ ބަންދުގެ މުއްދަތަށް ނުގެންގޮސް އާއިލާއާ ހަވާލުކޮށްފައެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ސިލްސިލާ މާރާމާރީތަކެއްވެސް މިދިޔަ ދުވަސްތަކުގައި މާލޭގައި ވަނީ ހިނގާފައެވެ. ފުލުހުން ބުނީ އެމައްސަލަތަކުގައި ގިނަބަޔަކު މިދިޔަ ދުވަސްތަކުގައި ހައްޔަރު ކުރި ކަމަށެވެ.
ރިއެކްޝަންސް






