އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިތުރަށް ނުރައްކާތެރިވެ، އީރާނުން ދެމުންދާ ރައްދު ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި ޔަހޫދީ އިސްތިޢުމާރީ ބާރުތަކުން ގުޅިގެން ފެށި މި ޢުދުވާނާ ގުޅިގެން، އީރާނުން ވަނީ މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ބޭނުންކޮށްގެން މިއަދުވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކަކީ އެމެރިކާގެ އިސްތިޢުމާރީ ސިޔާސަތުތަކާ ދެކޮޅަށް ދެމުންދާ ހަމަލާތަކެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި ހަމަލާތަކުގެ ތެރެއިން މިއަދު ހިނގި ނުރައްކާތެރި އެއް ހާދިސާއަކީ ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓު (ޑީއެކްސްބީ) ކައިރިއަށް ދެ ޑްރޯނެއް ވެއްޓުމެވެ. ދުބާއީގެ މީޑިއާ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެއަރޕޯޓު ކައިރިއަށް ވެއްޓުނު މި ޑްރޯންތަކުގެ ސަބަބުން ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނެނީ ގާނާގެ ދެ ރައްޔިތުންނާއި، ބަންގްލަދޭޝްގެ ރައްޔިތެއްގެ އިތުރުން އެހެން ޤައުމެއްގެ މީހެކެވެ.
ނަމަވެސް، މި ހާދިސާގައި ދުބާއީ އެއަރޕޯޓުގެ އުމްރާނީ ވަސީލަތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެއަރޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާ އާއި ޔަހޫދީން މެދުއިރުމަތީގައި ފަށާފައިވާ މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަޙައްދުގެ މަސްރަޙު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްޞަކޮށް ވައިގެ ދަތުރުފަތުރަށް މިކަމުގެ ސަބަބުން ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ގިނަ އެއަރލައިންތަކަކުން މިހާރު ދަނީ މެދުއިރުމަތީގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
އީރާނުން ބުނަމުންދަނީ އެމެރިކާ އާއި ޔަހޫދީންގެ ޢުދުވާނުތައް ހުއްޓާނުލާހާ ހިނދަކު، އެ ސަރަޙައްދުގައި ހުރި އެމެރިކާގެ މަސްލަޙަތުތަކަށް ހަމަލާދިނުން ހުއްޓާނުލާނެ ކަމަށެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރިއެކްޝަންސް





