އަހަރުގެ ފުރަތަމަ ފިލްމު "މީ އިޝްޤް" ދިވެހި ސިނަމާއަށް އަލުން ދިރުމެއް ގެނެސްފި
އަހަރުގެ ފުރަތަމަ ފިލްމު "މީ އިޝްޤް" ދިވެހި ސިނަމާއަށް އަލުން ދިރުމެއް ގެނެސްފި
2024 ވަނަ އަހަރު ދިވެހި ސިނަމާ އަލުން މި ފެށީ އަޒްހާން އިބްރާހީމްގެ "މީ އިޝްޤް" އިންނެވެ.
ޝަރަފް އަދި އާޝާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު މިމަހު 6 ގައި ޕްރިމިއާ ކުރި މިފިލްމަކީ ލީނާޒް ހުސައިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މިޔުޒިކް ހެދީ ޝަހީދު ލެގަސީއެވެ.
ސިނަމެޓޯގްރަފަރަކީ ޒިއްޕެ އަދި މޭކަޕްތައް ކުރީ ސޭންޑީ އަދި ހަސަން އެވެ.
ފިލްމު ފެށެނީ ސަބާ (އާޝާ) އަދި އާރިޒް (ޝަރަފް) ދިމާވާ ހިސާބުންނެވެ.
މި ދެމީހުން ދިމާވަނީ އާ އަހަރުގެ ޗުއްޓީއަށް ގޮސް އުޅެނިކޮށް މާފުށިންނެވެ.
ހޮޓެލްގެ ބުކިންގައި އަރާ އޮޅުމެއްގެ ސަބަބުން ދެމީހުން ތިބެން ޖެހެނީ އެއް ރޫމެއްގަ އެވެ. މުޅިން ތަފާތު މިޒާޖެއްގެ މި ދެމީހުން ބައްދަލުވެ އުޅުމުގެ ތެރެއިން އެކަކު އަނެކަކު ދެކެ ލޯބި ވެވެނީ ހީވެސް ނުކުރާ ގޮތަކަށެވެ.
މިހާ ހިސާބުން ފިލްމު ބަދަލުވެގެންދާ ގޮތް ޖެހޭނީ ބެލުންެތެރިން ސިނަމާއަށް ގޮސް ބަލައިލާށެވެ.
"މީ އިޝްޤް" ފެށިގެން ނިމުނުއިރު އެންމެ އަޅައިގަތީ ބަތަލާ އާޝާގެ އެކްޓިންއެވެ. ފިލްމުގައި އޭނާ ކުޅެފައިވާ ޖެހިލުން ކުޑަ، ސަކަ މިޒާޖުގެ ކެރެކްޓާ ޝައްކެއްނެތް މިންވަރަށް ދައްކުވައިދިނެވެ.
އޭނާއަށް ދިވެހި ސިނަމާގައި އޮތް ޑިމާންޑު މި ފިލްމާއިއެކު އިތުރުވާނެކަމަށް ބެލެވެ އެވެ.
ޝަރަފްގެ އެކްޓިން ފެނިފައި މިއީ "އެކްޓިން" އޭވެސް ބުނަން ދައްޗެވެ. އޭނާގެ ޑައިލޮގްތަކާއި މޫނުމަތީގެ އެކްސްޕްރެޝަންތަކުން އޭނާގެ ނެޗުރަލްކަން ފެނެ އެވެ. މީގެ ކުރިންވެސް އޭނާ ފެނިގެންދިޔަ ފިލްމުތަކުގައި ދައްކުވައިދިން ވަރުގެ އެކްޓިންއެއް މިފަހަރުވެސް ދައްކުވައިދީފި އެވެ.
ސަބާއާއި އާރިޒްގެ މަޖާ ޑައިލޮގުތަކުގައި ބެލުންތެރިންނަށް ހިނި ހިފަހައްޓާލައިގެން ތިބެވޭގޮތެއް ނުވެ ދިޔައީ ހަޅޭއްލަވައި ހީ ހަދަމުންނެވެ.
މި "އިޝްޤީ" ފިލްމުގެ އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ރީތި ލަވަތަކެވެ. ހާއްސަކޮށް ފިލްމުގެ ޓައިޓަލް ސޯންގްގެ ރާގުކޮޅު ފިލްމު ނިމެންދެން ބޮލުތެރޭގައި އެނބުރުނެވެ. މުޅި ފިލްމުގެ އިމޯޝަނާވެސް ގުޅިފައި އޮތީ މި ލަވަ އެވެ.
ފިލްމު ނިމުނުއިރު މުޅި އޮލިމްޕަސްގައި ވަނީ ހަޅޭކުގެ އަޑު ގުގުމާލައިފަ އެވެ. މިހާ ހިސާބުން މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުގޮސްފިކަން އެނގުނެވެ.
އިހުގައި ދިވެހި ސިނަމާއިން ފެނުނު ދިރުން އަލުން މި ފިލްމާއިއެކު ސިނަމާއަށް ގެނެސްފި އެވެ.
ރިއެކްޝަންސް