
އިޒްރާއިލްއަށް ފިޔަވަޅު އަަޅަން ކެބިނެޓްގެ ރުހުން ނުލިބުމުން ނެދަލެންޑްސްގެ ހާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފި
ބައެއް އެހން ވަޒީރުންވެސް އިސްތިއުފާ ދެއްވި
އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލްއާންމު ހުއްޓުވުމުގެ ގޮތުން އިޒްރާއިލްއާ ދެކޮޅަށް ފިޔަވަޅު އަޅަން ނެދަލެންޑްސްގެ ކެބިނެޓްގެ ރުހުން ނުލިބުމުގެ ސަބަބުން އެޤައުމުގެ ހާރިޖީ ވަޒީރު ކެސްޕާ ވެލްޑްކޭމްޕް އިސްތިއުފާ ދެއްވައިފިއެވެ
ސެންޓަރ-ރައިޓް ނިއު ސޯޝަލް ކޮންޓްރެކްޓް ޕާޓީގެ މެމްބަރު ވެލްކޭމްޕް މަޤާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެެ. އޭނާ ވިދާޅުވީ "މާނަވީ ފިޔަވަޅުތަކެއް" އެޅުމަށް އޭނާ ނުކުޅެދުނު ކަމަށާއި މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކާއެކު ކެބިނެޓްގެ އެހެން މެމްބަރުންގެ ފަރާތުން އޭނާއަށް އެކަން ހާސިލްކުރަން އެއްބާރުލުން ނުލިބުމުން އިސްތިއުފާ ދެއްވީ ކަމުގައެވެ.
ވެލްޑްކޭޕްމް އިޒްރާއިލްއާ ދެކޮޅަށް އިތުރަށް އަޅުއްވަން މަސައްކަތްކުރި ފިޔަވަޅު ތަކަކީ އިޒްރާއިލްގެ ހައްދުފަހަނައެޅި ދެ މިނިސްޓަރުން ކަމަށްވާ ބެޒާލެލް ސްމޮޓްރިޗް އާއި އިތުމާރް ބެން-ގްވިރް އެގައުމަށް އެރުން މަނާކުރުމެވެ. އެއީ އެ ދެފަރާތުގެ އަމަލުތަކުގެ ސަބަބުން ފަލަޞްޠީނުގެ އެތައް ރައްޔިތުންނެއް އިންސާނީ ހައްޤުތަކުން މަހުރޫމްވެ, ޣައްޒާ ނެތިކޮށްލުމަށާއި, ފަލަޞްޠީނުގެ ނަޞްލު ނައްތާލުމަށް ފާޅުގައި ގޮވާލަމުންދާ ދިއުމާ ގުޅިގެންނެވެ.
"އަހަންނަށް ފެނޭ ޢައްޒާގައި ހިންގަމުން ގެންދާ އުދުވާނު, ޣައްޒާ ސިޓީ ހިފުމަށް ދެމުންގެންދާ ހަމަލާތައް އަދި ހުޅަނގު އައްސޭރީގައި ހިންގަމުންގެންދާ ޖަރީމާތައް. އިރުމަތީ ގުދުސްގައި އީ1 އޭރިއާގައި ޔަހޫދީ އާބާދީތައް އެޅުމުގެ ޕްލޭންވެސް" އިސްތިއުފާއަށްފަހު ރިޕޯޓަރުންނާ ވާހަކަދައްކަމުން ވެލްޑްކޭމްޕް ބުނެފައި ވެއެވެ.
ވެލްޑްކޭމްޕްގެ އިސްތިއުފާއަށްއަށްފަހު އޭނާގެ ޕާޓީގެ ފަރާތުން ކެބިނެޓްގައި އަދި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި އެހެން ފަރާތްތަކުންވެސް ވަނީ އެ ނިންމުމަށް އިޙްތިރާމްކޮށް ސަރުކާރުގެ މަޤާމުތަކުން އިސްތިިއުފާ ދީފައެވެ.
ރިއެކްޝަންސް






