
ދެކުނު ޣައްޒާގައި އެހީއަށް މަޑުކޮށްގެންތިބި މީހުންނަށް ހަމަލާދީ 45 މީހަކު މިއަދުވެސް ޝަހީދުކޮށްލައިފި
އެހީ ހޯދަން އެއްވާ ތަންތަނަކީ މަރުގެ ދަންތުރަ ތަކެއް ކަމަށް އދ ން ވަނީ ބުނެފައި
ޣައްޒާގެ ދެކުނު ޙާން ޔޫނިސްގެ އަލް-ތަޙްލިޔާ ސަހަރައްދުގައި އެހީ ލިބިގަތުމަށް އެއްވެފައި ތިބި ފަލަޞްޠީނުގެ ރައްޔިތުންނަށް އިޒްރާއިލްއިން ދިން ހަމަލާތަކުގައި މިއަދު އިރުއެރިފަހުން 45 މީހަކު ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނެފިއެވެ.
ހަމަލާތަކުގައި އިތުރު އެތައްބަޔަކުވެސް ވަނީ ޒަަހަމް ވެފައެވެ. "ޒަހަމްވެފައިވާ މީހުންނަށް ފަރުވާދިނުމަށް އިމަޖެންސީ އާއި, އައިސީޔޫ އަދި އޮޕަރޭޝަން ތިއޭޓަރު ވަނި ފުރި ބާރުވެފައި" ނަސެރް މެޑިކަލް ހޮސްޕިޓަލް އިން އަަލް ޖަޒީރާ އާ ވާހަކަދެއްކި އެ ހޮސްޕިޓަލްގެ ޑިރެކްޓަރު ވަނީ ވިދާޅުވެފައެވެ.
ހޮސްޕިޓަލަށް މަރުވެފައިވާ އެތައް ބަޔަކާއި ޒަހަމަވެފައިވާ ގިނަ އަދަދެއްގެ މީހުން ގެންގޮސްފައިވާކަމަށް އެސަރަހައްދުން ރިޕޯޓްކުރި އަލް ޖަޒީރާގެ ނޫސްވެރިޔާ ވެސް ވަނީ ބުނެފައެވެ.
އެމެރިކާއާއި އިޒްރާއިލްއިން ޤާއިމްކޮށްފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައިންޑޭޝަން (ޖީއެޗްއެފް) އެހީ ބެހުމުގެ ނަމުގައި ގިނަ އަދަދެއްގެ ޣައްޒާގެ ރައްޔިިތުން މަރާ, އިންސާނީ ކަރާމާތް ނަގާލުމުގެ ދަންތުރައަކަށް އެތަންތަން ވަނީ ހަދާފައެވެ. އެތަންތަނަކީ 'އިންސާނުން ކަތިލުމަށް ހަދާފައިވާ ތަންތަން' ކަމުގައި ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެހި ބަހާ ސައިޓްތަކުގައި އެކަނިވެސް މިހާތަނަށް ޣައްޒާގެ 200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހައިހޫނު ކަމުގެ އިންތިހާ ތަހައްމަލް ކުރަމުންދާ ޣައްޒާގެ ރައްޔިތުން އިންސާނީ އެހީއަށް ބަންދުކޮށްފައި އޮންނަތާ 3 މަސް ފަހުން މަދު އަދަދެއްގެ ކާބޯތަކެތި އެތެރެކޮށް އިޒްރާއިލްއިން އަންނަނީ ހައިހޫނުކަމުގައި ޣައްޒާގެ ރައްޔިތުން ގަނަތަޅުވަމުންނެވެ.
ރިއެކްޝަންސް






