
މަދުވެގެން ހަތަރު ސްކްރީން ހިމެނޭ ސިނަމާއެއް އަޅާ, ސިނަމާ މައްސަލަ ހައްލުކުރާނަން- ވަޒީރު
ސިނަމާ އަޅަން ބޭރުގެއިންވެސްޓަރަކާ ވާހަކަދެކެވި ބައްދަލުވެއްޖެ
މަދުވެގެން ހަތަރު ސްކްރީން ހިމެނޭ ސިނަމާއެއް އަޅާ, ސިނަމާ މައްސަލަ ހައްލުކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ސިނަމާއެއް ނެތް ކަމަށެވެ.
ރާއްޖޭގައި ހުރީ ތިއޭޓަރެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެއީ ފިލްމް އަޅުވަންވެސް ހަދާފައިހުރި ތަނެއް ނޫން ކަމަށެވެ. މިއަދާ ހަމައަށް އައިއިރުވެސް ރާއްޖޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް ނޭޅި މިއޮތީ ކީއްވެތޯ މިއީ ބޮޑު ސުވާލެއް ކަމަށް ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވީ އިޖުތިމާ ވަރަށްގިނަ ކަންކަން ގުޅިފައި ވަނީވެސް ސިނަމާ ނެތުންފަދަ ކަންކަމާ ކަމަށެވެ.
އޮލިމްޕަސް ސިނަމާއެއްގެ ގޮތުގައި ބަލައިގެން އެސިނަމާ އިތުރަށް ތަރައްޤީކޮށްގެން ވަރަށް މޮޅު ގޮތްތަކެއް ހަދައިގެން ވާނެ މޮޅެއް ފެނިވަޑައިނުގަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކި ސަރުކާރުތަކުން އޮލިމްޕަހަށް ވަރަށްގިނަ ބަދަލުތައް ގެނެސްފި ކަމަށާއި, ނަމަވެސް އެތަނުގައި އިތުރަށް ފިލްމެއް ނޭޅުވޭ ކަމަށް ވިދާޅުވެ, އެކަމުގެ ހައްލު މިސަރުކާރުން ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ފިލްމް އަޅުވާނެ ތާރީޚުތައް ނުލިބިގެން ޕްރޮޑިއުސަރުންގެ ޝަކުވާ ވަރަށްބޮޑު ކަމަށާއި, އެކަމުގެ ހައްލަކީ އޮލިމްޕަސް ނޫންކަން ތަކުރާރުކުރައްވާ ވިދާޅުވީ އޮލިމްޕަސް މަރާމާތުކޮށްގެން އެހައްލު ނުގެނެވޭނެ ކަމަށެވެ.
އޮލިމްޕަސް ބަންދުވެސް ނުކުރެވޭނެ ކަމަށާއި, އޮލިމްޕަސް ބަންދުކުރުމަކީ ވިޔަފާރި ބަންދުކުރުންކަން ފާހަގަކުރައްވާ ވިދާޅުވީ އެއް މަހަށް ބަންދުކޮށްގެން އެކަން ނުވެސް ވާނެ ކަމަށެވެ. މިސަރުކާރުގެ ނިންމުމަކީ މިހާރުހުރި އޮލިމްޕަސް ބެހެއްޓުމަށްފަހު ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމެވެ.
"އޮލިމްޕަސް ހިޔާލު ޖެހޭނީ ދޫކޮށްލަން, އަޅުގަނޑުމެން އަޅަން ޖެހޭނީ ޒަމާނީ ސިނަމާއެއް. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. އެކަން ކުރުމަށް ބޭރުގެ ޕޮޓެންޝަލް ފަރާތްތަކާ ވާހަކަދެކެވި ބައްދަލުވެއްޖެ, އެބޭފުޅުން ތިބީ ތައްޔާރަށް. ސްކްރީން ނެތިގެން, ސިނަމާ ނެތިގެން ފިލްމް ނޭޅުވިގެން މިއުޅޭ އުޅުމަށް ހަމަޔަގީން ކަށަވަރު އެކަން ނިމުމަކަށް ގެންނާނަން. މަދުވެގެން ހަތަރު ސްކްރީންގެ ސިނަމާއެއް ގާއިމްކުރާނަން ހުޅުމާލޭގައި. އެއްރޭން ހަތަރު ފިލްމް އެޅުވޭނެ." ވަޒީރު ޔަގީންކަން ދެއްވަމުން ވިދާޅުވިއެވެ.
ރިއެކްޝަންސް






