ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 5.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 5.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީއެސްއައިޕީއަކީ ރައްޔިތުންގެ އާންމު އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކެކެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބިންހިއްކުމާއި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ބަނދަރު ހެދުން ފަދަ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިމެނެއެވެ. މިއަހަރަށް ޕީއެސްއައިޕީގެ ގޮތުގައި ބަޖެޓުގައި ކަނޑައަޅާފައިވަނީ ޖުމްލަ 6.5 ބިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން ޢާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 5.3 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި މި މަޝްރޫޢުތަކަށް 7.0 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާތީ، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށް ޢަދަދެކެވެ.
ވަކިވަކި ދާއިރާތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ މަޝްރޫޢުތަކަށެވެ. އެގޮތުން އެ ދާއިރާއަށް 2.3 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުމަށެވެ.
މީގެއިތުރުން، ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން 780 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ޚަރަދުކުރި 432 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރު ޢަދަދެކެވެ. އާންމު ޚިދުމަތުގެ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. އެ ބަޔަށް އެކަނިވެސް 775 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ރިއެކްޝަންސް

