އާމްދަނީ 8.9 އިންސައްތަ އިތުރުވެ، 20.1 ބިލިއަން ރުފިޔާއަށް
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ލިބުނު އާމްދަނީވެސް އިތުރު

އާމްދަނީ 8.9 އިންސައްތަ އިތުރުވެ، 20.1 ބިލިއަން ރުފިޔާއަށް

12 hours ago - 07:35
Jul 17, 2025 - 07:35

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މިމަހުގެ 10 ގެ ނިޔަލަށް 20.1 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރުވެއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ.

ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.3 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 96.5 އިންސައްތަ އިތުރުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 54.4 އިންސައްތަ ވަނީ އިތުރުވެފައެވެ. ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަމަށް ދައްކައެވެ. ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރުވެސް 17.6 އިންސައްތައިން ވަނީ އިތުރުވެފައެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 53.3 އިންސައްތަ ވަނީ އިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.1 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ. އަދި ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި އިތުރުވުމެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތައިން ވަނީ އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް 54.4 އިންސައްތަވަނީ އިތުރުވެފައެވެ. ޖުމްލަ އަދު ވަނީ 1.1 ބިލިއަން ރުފިޔާއަށް އަރާފައެވެ.

Advertisement
Advertisement

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 50.6 އިންސައްތަ، 10 ޖުލައި 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 38.1 އިންސައްތައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow