
ރޯދަމަހު ކެފޭތައް 3 ޖަހަންދެން, ފިހާރަތައް 1 ޖަހަންދެން!
ކުރިއަށް އޮތް ރަމަޟާންމަހު ކެފޭތައް ހުޅުވާފައި ބެހެއްޓޭ އެންމެ ލަސް ގަޑިއަކީ މެންދަމު 3 ޖަހަންދެން އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭ އެންމެ ލަސް ގަޑިއަކީ ދަންވަރު 1 ޖަހަންދެން ކަމުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެމިނިސްޓްރީން މިއަދު އާއްމުކޮށް ކުރި އިއުލާނުގައިވާ ގޮތުން ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވޭނީ ހަވީރު 5:30 ގެ ފަހުންނެވެ. އަދި ޚިދުމަތް ދެވޭނީ މެންދަމު 3 ޖަހަންދެންނެވެ. އެހެންނަމަވެސް ހަރޯދަ ތެރޭގައި ކެފޭތައް ފަތިހު 4:30 ން ފެށިގެން ހުޅުވޭނެއެވެ. އެކަމަކު މެންދަމު 3 ޖަހާއިރު ބަންދުކުރަން ޖެހެއެވެ.
މުދާވިއްކާ ފިހާރަތައް ފަތިހި 5:30 ގައި ހުޅުވޭނެއެވެ. ބަންދުކުރަން ޖެހޭނީ ދަންވަރު 1 ޖަހާއިރު އެވެ. މިމަހު 15 ން ފެށިގެން އަމަލުކުރަން ޖެހޭނީ މިއުސޫލަށެވެ. އެއީ ހަ ރޯދަ ނިމުމާ ހަމައަށެވެ.
ކެއިން ބުއިމުގެ ޚިދުމަތްދޭން 24 ގަޑިއިރަށް ހުއްދަ ދީފައިވާ ތަންތަންވެސް ރޯދަމަހު ހުޅުވޭނީ މިއަދި ކުރި އިއުލާނުގައިވާ ވަގުތުތަކުގައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަސް ފެށޭނީ ކުރިއަށް އޮތް މާރޗް މަހުގެ ފުރަތަމަ ދުވަހުއެވެ.
ރިއެކްޝަންސް






