ރަސްމާލެ ހިއްކަން 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ނުދާނެ: މިނިސްޓަރު މުއްޠަލިބް

ރަސްމާލެ ހިއްކަން 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ނުދާނެ: މިނިސްޓަރު މުއްޠަލިބް

2 hours ago - 10:29

ރަސްމާލޭގެ މުޅި ބިން ހިއްކުމުގެ މަޝްރޫޢަށް ޚަރަދުވާނީ އެންމެ ބޮޑުވެގެން 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ދައުލަތަށް 3 ބިލިއަން ޑޮލަރުގެ އަގުހުރި ބިމާއި އާމްދަނީ ލިބިގެންދާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.


ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށްޓަކައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން މިދިޔަ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެ ސިޓީން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު މިކަން ހާމަކުރެއްވީ އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.


މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ބިމު ކުލީގެ ގޮތުގައި މަންފާއެއް ނުލިބޭ ކަމަށާއި، ރަސްމާލެ ހިއްކަން ދައުލަތުން 700 މިލިއަން ޑޮލަރުގެ ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހިއްކުމުގެ މުޅި އަގު އެންމެ ބޮޑުވެގެން 500 މިލިއަން ޑޮލަރަށް އެރި ނަމަވެސް، އީގަލް ހިލްސް މަޝްރޫޢުގެ ތެރެއިން އެއަށްވުރެ ދެގުނަ ބޮޑު އަދަދެއް ދައުލަތަށް އެޑްވާންސްކޮށް އަދި އަޕްފްރަންޓްކޮށް ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 5،000 ހައުސިންގ ޔުނިޓް އެޅުމަށް އެ ކުންފުނިން ދޭ 500 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.


މީގެއިތުރުން، ރެވެނިއު ޝެއަރިންގ މޮޑެލްގެ ދަށުން ޑިވެލޮޕަރު ބިން ވިއްކާއިރު، މިހާރުގެ އަގުތަކަށް ބަލާއިރު 99 އަހަރުގެ މުއްދަތަށް ދައުލަތަށް ލިބޭ ބިމުގެ އެކުއިޒިޝަން އަގަކީ ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރު ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


ބިން ހިއްކުމުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެއްވެސް ތަނެއްގައި ހިއްކާ ބިން އެއްކޮށް ވިޔަފާރީގެ އުސޫލުން ނުވިއްކޭނެ ކަމަށެވެ. އެގޮތުން ސްރީލަންކާގެ ކޮލަމްބޯ ޕޯޓް ސިޓީގެ މިސާލު ނަންގަވަމުން އެމަނިކުފާނު ވިދާޅުވީ، މަގުތަކަށާއި ޕާކުތަކަށް އަދި ޢާންމު ޚިދުމަތްތަކަށް ޖުމްލަ ބިމުގެ 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބިން ދޫކޮށްލަންޖެހޭ ކަމަށެވެ.


ހަމައެކަނި ބިން ހިއްކުމަކުން ނުފުދޭނެކަން ފާހަގަކުރައްވައި، އަސާސީ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މުހިންމުކަން ވަޒީރު ބަޔާންކުރެއްވިއެވެ. އެގޮތުން ތިލަފުއްޓާއި ގުޅިފަޅުން ކުރީ ސަރުކާރުން ބިން ވިއްކައި ގޯތި ދޫކުރި ނަމަވެސް، ފެނާއި ނަރުދަމާއާއި ކަރަންޓު އަދި މަގުތައް ނުހެދި ހުރުމުން އެތަންތަނުގައި މީހުންނަށް ދިރިނޫޅެވޭ ކަމަށް ވިދާޅުވިއެވެ. އަދި 300 ހެކްޓަރުވެސް ހަމަނުވާ ގުޅިފަޅުގެ އިންފްރާސްޓްރަކްޗަރ އަޅަން އެކަނިވެސް 400 މިލިއަން ޑޮލަރު ބޭނުންވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިނިސްޓަރު މުއްޠަލިބް އިތުރަށް ވިދާޅުވީ، ރަސްމާލޭގެ އަސާސީ ވަސީލަތްތަކަށް ބޭނުންވާ ބިލިއަނެއްހާ ޑޮލަރު ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ ބަދަލުގައި، އެ މަޝްރޫޢު ތަރައްޤީކުރަނީ އަމިއްލައަށް ދެމެހެއްޓެނިވި (ސެލްފް ސަސްޓެއިނަބަލް) އުސޫލަކުން ކަމަށެވެ. އެގޮތުން ޢާންމު އުމްރާނީ ވަސީލަތްތައް ޑިވެލޮޕަރު އަމިއްލައަށް ޤާއިމުކޮށްދިނުމުގެ އިތުރުން، މަޝްރޫޢު ހިނގަމުންދާއިރު އަދި ދާއިމީ ގޮތެއްގައިވެސް ދިވެހިންނަށް ގިނަ ޢަދަދެއްގެ ވަޒީފާތަކާއި އިޤްތިޞާދީ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow