ވޯޓު ކަރުދާސް ޗާޕުކުރުމުގެ މަސައްކަތް ފަށައިފި
އަންނަ މަހު ބާއްވާ ތިން އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މި ތިން ވޯޓަށް ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި، އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި، ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އިލެކްޝަންކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުޙަލާގައި ކަރުދާސްތައް ޗާޕުކޮށް، ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކުރަމުންދާ ކަމަށެވެ. އަދި ވޯޓުލާ ދުވަސް ޖެހުމުގެ ކުރިން ވޯޓު ފޮށިތަކާއި ކަރުދާސްތައް، އަދި އިދާރީ ގޮތުން ފޮނުވަންޖެހޭ ތަކެތިވެސް ފޮނުވައި ނިމޭނެ ކަމުގެ ޔަޤީންކަން ޒާހިދު ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް



