މެންބަރުން ހަމަނުވުމުގެ ސަބަބުން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލައިފި
ސިޔާސީ ޕާޓީއެއްގެ ހުންނަންޖެހޭ ގާނޫނީ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ 3،000 މެންބަރުން ހަމަކުރުމަށް އެ ޕާޓީއަށް ދިން މުއްދަތު ހަމަވިއިރުވެސް އެ އަދަދު ހަމަވެފައެއް ނުވެއެވެ. އެހެންކަމުން، މިއަދުން ފެށިގެން އެ ޕާޓީ އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެމްއެލްއެސްޑީޕީ އަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީން އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މިހާރުގެ މެންބަރު މައުރޫފް ޒާކިރު އިސްވެ ތިއްބަވައިގެން އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް، މައުރޫފް ޒާކިރު ފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައެވެ.
2019 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އިފްތިތާހީ ޖަލްސާ ބޭއްވި މި ޕާޓީއަކީ އުފެދުނީއްސުރެ ސިޔާސީ ގޮތުން މާ ބޮޑު ހަރަކާތްތަކެއް ހިންގާފައިވާ ޕާޓީއެއް ނޫންކަން ފާހަގަކުރެވެއެވެ. ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާއިރު، މިއީ އެ ސިޔާސަތުގެ ދަށުން އުވާލި ޕާޓީއެކެވެ.
ރިއެކްޝަންސް

