ތިލަފުށީގައި ބޯޓުފަހަރު ބަނދަރުކޮށް، ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން އެމްޕީއެލްއިން ކާމިޔާބުކަމާއެކު ނިންމާލައިފި
ތިލަފުށީގައި ބޯޓުފަހަރު ބަނދަރުކޮށް، ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ތަޖުރިބާ އޮޕަރޭޝަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކާމިޔާބީއާއެކު ފުރިހަމަކޮށްފިއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮށްޖެހުމުގެ ސަބަބުން މަސައްކަތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށްޓަކައި، އެމްޕީއެލްއިން އަންނަނީ މިވަގުތުން މިވަގުތަށް ގެނެވެންހުރި ހައްލުތައް ދެނެގަނެ، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން، ތިލަފުށީގައި ގާއިމުކޮށްފައިވާ ކީ-ވޯލްއަށް ބޯޓުފަހަރު ބަނދަރުކޮށްގެން ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ "އެމްއެސްއެސް ގަލޭނާ" އަށް ޖުމްލަ 394 ޓީއީޔޫގެ ހުސް ކޮންޓެއިނަރު ބަރުކޮށްފައިވެއެވެ. އެމްޕީއެލްގެ މުވައްޒަފުން މެދުކެނޑުމެއްނެތި ކުރި މަސައްކަތުން މި އޮޕަރޭޝަން ނިންމާލެވުނީ އެންމެ 20 އޮޕަރޭޝަނަލް ގަޑިއިރުގެ ތެރޭގައެވެ.
އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި، މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ ބޭލުމަށްފަހު، އަނބުރާ ހުސް ކޮންޓެއިނަރުތައް ބަރުކޮށްގެން ފުރުމަށް މިހާރު ގިނަ ވަގުތުތަކެއް ހޭދަވެއެވެ. ނަމަވެސް، ތިލަފުށީގެ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ސަރަހައްދުގައި ހުރި 60 މީޓަރުގެ ކީ-ވޯލް ބޭނުންކުރަން ފެށުމުން، ބޯޓުފަހަރު ބަނދަރުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެ، މާލޭ ބަނދަރުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ތިލަފުށީގައި ހާއްސަކުރެވިފައިވާ މި ސަރަހައްދަކީ ހުސް ކޮންޓެއިނަރުތައް ރައްކާކުރުމަށާއި، ސާފުކޮށް މަރާމާތުކުރުމަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3,000 ޓީއީޔޫއަށް އަރާއިރު، މިއީ 2027 ވަނަ އަހަރުގެ ނޮވެންބަރު މަހު ތިލަފުށީ ބައިނަލްއަޤްވާމީ ބަނދަރު ހުޅުވެންދެން، މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލިބޭނެ ވަގުތީ އަދި މުހިންމު ހައްލެކެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި ބަދަލާއެކު، މިހާރު ހަތް ދުވަހުން ހުސްކުރެވޭ ބޯޓުފަހަރު 48 ގަޑިއިރުގެ ތެރޭގައި ހުސްކުރެވި، މުދާ ރާއްޖެ އެތެރެކުރުމުގެ ޚަރަދު ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އިޞްލާޙީ ބަދަލުތަކުގެ ސަބަބުން މުދަލުގެ އަގު ހެޔޮވެ، އޭގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





