މަރުވި ޑައިވަރުންގެ ހަށިގަނޑު މިރޭ  އިޓަލީއަށް ފޮނުވާލަނީ

މަރުވި ޑައިވަރުންގެ ހަށިގަނޑު މިރޭ އިޓަލީއަށް ފޮނުވާލަނީ

3 hours ago - 20:47
May 22, 2026 - 20:58
Advertisement
Advertisement

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު، މިރޭ ފަތިހުގެ ވަގުތެއްގައި އެނބުރާ ގައުމަށް ފޮނުވާލުމަށް ނިންމައިފިއެވެ.


މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން، ފުލުހުންނާއި ސިފައިންނަށް ރިޕޯޓު ލިބިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރުއެވެ. ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ކޭވްގެ ގާތްގަނޑަކަށް 60 މީޓަރު އަޑިންނެވެ.


މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން ރިކަވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް، ހޮނިހިރު ދުވަހުގެ މެންދުރުފަހު މި އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ ބޭކަލެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، އެ ވަގުތުން ފެށިގެން އޮޕަރޭޝަން މެދުކަނޑާލިއެވެ.


މި އޮޕަރޭޝަން އަލުން ފަށާފައިވަނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގައެވެ. އެ ބޭފުޅުންނާއެކު ކުރެވުނު މަސައްކަތުން، ގެއްލުނު މީހުންގެ ހަށިތައް ލޮކޭޓްކޮށް، ދެ ދުވަސް މަތިން ހަތަރު މީހުންގެ ހަށިތައް ވަނީ ނަގާފައެވެ.


މިކަމާ ގުޅޭގޮތުން "އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މަރުވި ހަތަރު މީހުންގެ ހަށިގަނޑުތައް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ގައުމަށް ހަށިގަނޑުތައް ގެންދިއުމަށްފަހު ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ރިޕޯޓް ރާއްޖޭގެ ތަހުގީގު ޓީމާ ހިއްސާކުރާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.


މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން މިހާރު ދަނީ މައްސަލައިގެ ތަހުގީގެއް ހިންގަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement