ކަންމަތިތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ މައްސަލައަށް ހައްލު ގެންނަނީ
މާލޭގެ ކަންމަތިތަކާއި ގޯޅިތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް، އެކަމަށް ޚާއްޞަކޮށް އުފައްދަވާފައިވާ އޮފީހުގެ މަސައްކަތްތަކާއެކު ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ. އެ ޕްރޮގްރާމުގައި ރައްޔިތަކު ވަނީ ކަންމަތިތަކާއި ހަނި ގޯޅިތަކުގައި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނަ ސަރަހައްދުތަކުގައި ވެސް، އެ ބޯޑުތަކުގެ ކުރިމައްޗަށް ވާގޮތަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކަންމަތިތަކުގައި ތަރުތީބެއް ނެތި ޕާކުކުރުމަކީ މިހާރު މާލޭގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން ޚާއްޞަ އިދާރާއެއް ގާއިމުކުރައްވާފައިވާ ކަމަށާއި، އެ ތަނުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ޚާއްޞަ އިދާރާއެއް އުފައްދަވާފައެވެ.
މި އޮފީހުގެ މައިގަނޑު މަޤްޞަދަކީ ކަމާބެހޭ މުއައްސަސާތަކާއި އިދާރާތައް ގުޅިގެން، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޚާއްޞަ ޕްރޮގްރާމުތައް އެކުލަވައިލައި، އެ ކަންކަން ޢަމަލީ ގޮތުން ތަންފީޒުކުރުމެވެ.
އެގޮތުން، މި އޮފީހުގެ މަސައްކަތްތައް ފެށުމާއެކު، މާލޭގެ ކަންމަތިތަކާއި ހަނި ގޯޅިތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އަވަސް އަދި ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް





