ފުވައްމުލަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދިޔަ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
ޏ. ފުވައްމުލަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމާއި ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންދިޔަ ތަނެއް 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނަކީ މި ހިނގާ މަހުގެ 19 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން / މާދޫގެ، އަހްމަދު ރަޝީދު (32އ) އާއި، އެ ރަށު ދޫޑިގަން / ރޫބީ، މުހައްމަދު ޝާޛް (36އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރި އަހްމަދު ރަޝީދު ދިރިއުޅެމުންދިޔަ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ، އެތަނުގައި ތިބެގެން މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު ދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އޭނާ ދިރިއުޅެމުންދިޔަ ބައި 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު ޝާޛްގެ ބަންދަށް 15 ދުވަސް އަދި އަހްމަދު ރަޝީދުގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





