ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
މޫސުން ގޯސްވެ ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިރޭ ބުނީ، މާލެ ސަރަޙައްދު ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެފައިވާ ކަމަށެވެ. އެ އިދާރާއިން ބުނި ގޮތުގައި، ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހިމެނޭ ރަށްތަކަށް ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭތީ، އެ ސަރަޙައްދަށް ވަނީ މޫސުމީ އިންޒާރު ނެރެފައެވެ.
މިރޭ މާލެއާއި ހުޅުމާލެއަށް ވަރަށް ބޯކޮށް ވާރޭވެހިފައިވާއިރު، ގަދައަށް ގުގުރުމާއެކު ވަރަށް ބޮޑަށް ވިދާފައިވެއެވެ. މި ވިއްސާރައިގެ ތެރޭގައި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކަށް ހޮނު އެޅި ކަމުގެ ރިޕޯޓްތައް ވެސް ވަނީ ލިބިފައެވެ.
ހޮނު އެޅުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، ބައެއް އިމާރާތްތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މޫސުން ގޯސްވެ ގުގުރާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް





