ނޫސްވެރިން މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުވާން ޖެހޭ: ނައިބުރައީސް
މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުކަން އިތުރުކޮށް، ނޫސްވެރިކަމުގެ މައިގަނޑު މަބްދައުތައް ނެގެހެއްޓުމުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ނޫސްވެރިންނަށް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިކަމަށް ގޮވާލައްވާފައިވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހި މުޖުތަމަޢަށް ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން އަދާކުރާ ދައުރަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، އަޚުލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމަކީ މަޢުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދޭނޭ ކަމެކެވެ. އަދި ދެފުށްފެންނަ، ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއަރުވައި، ޑިމޮކްރަސީގެ އަސާސްތައް ނެގެހެއްޓުމަކީ ކޮންމެ ނޫސްވެރިއެއްގެވެސް ޒިންމާއެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކާ ދުރަށްޖެހުމުން ނުކުމެދާނެ ނުރައްކާތަކުގެ މައްޗަށްވެސް ނައިބު ރައީސް ވަނީ އިންޒާރު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އަޚުލާޤީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، މުޖުތަމަޢުގެ ތެރޭގައި ދޮގު މަޢުލޫމާތު އާންމުވެ، އޭގެ ސަބަބުން ގެއްލުންދެނިވި ކަންކަން އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.
ހަމައެއާއެކު، ސައްހަ މަޢުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ބަރޯސާވާ އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކުރައްވައި، ކޮންމެ ޚަބަރެއްވެސް ޝާއިޢުކުރުމުގެ ކުރިން އޭގެ ތެދުދޮގު ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ބާރުއަޅަމުންދަނީ މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމެއް ރާއްޖޭގައި ގާއިމުކުރުމަށް ކަން ފާހަގަކޮށްލެވެއެވެ.
ރިއެކްޝަންސް

