ސަރުކާރު ކުންފުނިތަކުން މީރާއަށް ދައްކަންޖެހޭ ފައިސާ ޓެކްސްއިން ކެނޑޭނެ އުސޫލެއް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ އުޞޫލެއް އެ އޮތޯރިޓީން މިއަދު އާންމުކޮށްފިއެވެ.
މި އުޞޫލުގެ މައިގަނޑު މަޤްޞަދަކީ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދެއްކުމުގައި ފަސޭހަ ކޮށްދިނުމެވެ. އެގޮތުން، އެ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، އެ ފައިސާއަކާ މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ޢަމަލުކުރާނެ އާންމު ހަމަތަކެއް މި އުޞޫލުން ކަނޑައަޅައިދެއެވެ.
މީރާއިން ވިދާޅުވި ގޮތުގައި، މި އުޞޫލުގެ ދަށުން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެއްވެސް ފައިސާއެއް ނުލިބިވާ ނަމަ، އެ ނުލިބިވާ ފައިސާއާއި އެ ފަރާތުން މީރާއަށް ދައްކަންޖެހިފައިވާ ފައިސާއާ އަޅައިކަނޑައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށް، ނުވަތަ (އެޖަސްޓްމަންޓް/ރީފަންޑަށް އެދުން) ފޯމު ފުރުމަށްފަހު، ނުވަތަ އީމެއިލް މެދުވެރިކޮށެވެ. އަދި މިގޮތަށް އެދި ހުށަހަޅާއިރު، ލިބެންޖެހޭ ފައިސާގެ ތަފްޞީލު އެނގޭނެ ލިޔެކިޔުންތަކާއެކު ހުށަހަޅަންޖެހޭނެ ކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާއަކާ އަޅައިކެނޑުމަށް އެދޭނަމަ، އެ އަދަދުތަކުގެ ސައްޙަކަން މީރާއިން ކަށަވަރުކުރާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާ (މިނިސްޓްރީ އޮފް ފިނޭންސް) މެދުވެރިކޮށެވެ. ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާގެ ސައްޙަކަން ކަށަވަރުކުރާނީ އެ ފައިސާއެއް ނިސްބަތްވާ ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށެވެ. ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށް ބަލާނީ މާލީ ވުޒާރާއިން ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުނިތަކެވެ. މި އުޞޫލުގެ ސަބަބުން ވިޔަފާރިތަކަށް ފައިސާގެ ގޮތުން ކުރިމަތިވާ ބައެއް ދަތިތަކަށް ލުއިތަކެއް ލިބި، މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





