މުދަލުގައި އަގު ނުޖަހާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަނީ
ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި، ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންޒާރު ދީފިއެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ވުޒާރާއިން ބުނީ، ވިއްކާ ކޮންމެ މުދަލެއްގައި ވެސް އޭގެ އަގު ސާފުކޮށް އެނގޭނެހެން ހުންނަންޖެހޭނެ ކަމަށެވެ. އަދި މިފަދައިން އަގު ނުޖަހައި މުދާ ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.
އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތައް ހާމަކުރަމުން އިޤްތިޞާދީ ވުޒާރާއިން ބުނީ، މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ. ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި އަގު ލިޔެ ނުވަތަ ހަރުކޮށްފައި ހުންނައިރު، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ސާފުކޮށް އެނގެން ހުންނަންވާނެ ކަމަށް ވެސް އެ ވުޒާރާއިން ބަޔާންކުރެއެވެ.
މި ޤާނޫނާ އެއްގޮތަށް ވިޔަފާރިތަކުން ޢަމަލުކުރޭތޯ ބެލުމަށްޓަކައި، ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތަކާއި ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ އިންޒާރުދީފައެވެ.
އެހެންކަމުން، އެއްވެސް ފިޔަވަޅަކާ ކުރިމަތިލާން ނުޖެހެނީސް، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މުދަލުގައި އަގު ޖެހުމުގެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖެއްސުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ހުރިހާ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް

