
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ޢާއްމުކޮށްފި
އަސާސީ ކާބޯތަކެތި އެސްޓީއޯއިން އެތެރެކޮށް ވިއްކާނެ
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ޢާއްމުކޮށްފިއެވެ. އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން ވަނީ 23 ބާވަތެއް އިތުރުކޮށްފައެވެ.
23 ބާވަތެއް ލިސްޓަށް އިތުރުކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެބާވަތްތައް އެތެރެކޮށް ވިއްކަން އެސްޓީއޯއަށް އަންގާފައެވެ. ލިސްޓަށް އިތުރުކުރީ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން މުގާއި, ކުކުޅު ބިހާއި, ކާށްޓެވެ.
މޭވާގެ ގޮތުގައި ލިސްޓަށް އިތުރުކޮށް އެސްޓީއޯއިން ވިއްކަން ނިންމީ ދޮންކެޔޮ, އާފަލު, އޮރެންޖް, ލިނބޯ, ޖުމްހޫރީމޭވާ, އަނބު, ފަޅޯ, ކަރާ, މިރުސް އަދި މޭބިސް ކަދުރެވެ. މިއީ ދިވެހިން އެންމެ ގިނައިން ބޭނުންކުރާ 10 ބާވަތުގެ މޭވާއެވެ.
އެސްޓީއޯއިން އެތެރެކޮށް ވިއްކަން ކަނޑައެޅި 10 ބާވަތުގެ ތަރުކާރީ އަކީ ފިޔާ, އިނގުރު, ކެރެޓް, ބަށި, ކައްޓަލަ, ލޮނުމެދު, އަލުވި, ކެބެޖް, ބަރަބޯ އަދި ބޯވެލިއެވެ. މިއީ ދިވެހިން އެންމެ ގިނައިން ބޭނުންކުރާކަމަށް ފާހަގަކުރެވުނު ތަރުކާރީގެ ބާވަތްތަކެވެ.
އަސާސީ ކާބޯތަކެތީގެ ގޮތުގައި ދިވެހިން އެންމެ ގިނައިން ބޭނުންކުރާ 10 ބާވަތުގެ މޭވާ އާއި ތަރުކާރީ އެސްޓީއޯއިން އެތެރެކޮށް ވިއްކަން ނިމްމެވީ ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ. މިއީ ކާބޯތަކެތީގެ އަގު އުފުލެމުންދާ ދިއުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
މިބާވަތްތައް އެތެރެކުރެވޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ. އަދި ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ބާވަތްތައް ކޮންމެ އަހަރަކުވެސް ރިވިއު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






