ބޭސް ލިބުމުގައި ހުރި ދަތިތައް މި މަހުގެ ނިޔަލަށް ހައްލުވާނެ: ސްޓޭޓް ފާމާ

ބޭސް ލިބުމުގައި ހުރި ދަތިތައް މި މަހުގެ ނިޔަލަށް ހައްލުވާނެ: ސްޓޭޓް ފާމާ

11 minutes ago - 21:41
Advertisement
Advertisement

ދިވެހިރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ ބޭސް މި ހިނގާ މަހުގެ ނިޔަލަށް އެތެރެކޮށް ގުދަންކުރެވޭނެ ކަމަށާއި، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ޤައުމީ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ދީފިއެވެ.


ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ މައި ވެއާހައުސްގެ މަސައްކަތްތައް މީޑިއާތަކަށް ދައްކާލުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން، ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވީ، މީގެ ކުރިން އެސްޓީއޯއިން ދެމުންދިޔަ ބޭހުގެ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ރާއްޖޭގައި ހުރި ބޭހުގެ ސްޓޮކް ދެނެގަނެ، ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އޮޕަރޭޝަނަލް ގޮންޖެހުންތަކާއެކުވެސް ހީކުރި ވަރަށްވުރެ ރަނގަޅަށް އަސާސީ ބޭސްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


އިމާދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ 195 ފާމަސީއަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ދަތިތަކާއެކުވެސް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ. އެގޮތުން ބޭސް ދޫކުރުމުގެ އިންތިޒާމުތައް އަވަސްކުރުމަށްޓަކައި ހުޅުމާލޭގެ މައި ވެއާހައުސްގެ ޚިދުމަތްތައް މިހާރު ރޭގަނޑު 10:00 އާ ހަމައަށް އިތުރުކޮށްފައިވާއިރު، ރަށްރަށަށް ފަސޭހައިން ބޭސް އުފުލުމަށް ޚާއްސަ އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.


މީގެ އިތުރުން، އަތޮޅުތަކަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ވެއާހައުސްތައް ގާއިމުކުރުމަށް ނިންމާފައިވާކަންވެސް ސްޓޭޓް ފާމާއިން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއާއެކު އަތޮޅުތެރޭގެ ރަށްރަށަށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް އަދި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement