ދައުލަތުގެ މާލީ ހަމަޖެހުމަށް ޚަރަދުތައް ކުޑަކޮށް، އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް އެމްއެމްއޭއިން ލަފާދީފި

ދައުލަތުގެ މާލީ ހަމަޖެހުމަށް ޚަރަދުތައް ކުޑަކޮށް، އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް އެމްއެމްއޭއިން ލަފާދީފި

16 minutes ago - 21:36
Advertisement
Advertisement

ދައުލަތުގެ މާލީ ހަމަޖެހުމާއި މެކްރޯ އިކޮނޮމިކް ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ރިކަރަންޓް ޚަރަދުތައް ކަނޑައެޅިފައިވާ މިންވަރުގައި ހިފެހެއްޓުމަށާއި މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ލަފާދީފިއެވެ.


މަރުކަޒީ ބޭންކުން މި ލަފާ ދީފައިވަނީ 2027 ވަނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުންނެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށްވާއިރު، މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) ގެ 7 އިންސައްތައެވެ. މިކަމާ ގުޅިގެން އެމްއެމްއޭއިން ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ޚަރަދުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެއްސުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
ފިސްކަލް ޒިންމާގެ ޤާނޫނުގައިވާ ފަދައިން، ރިކަރަންޓް ޚަރަދު އިތުރުވާ މިންވަރު އާމްދަނީއަށްވުރެ ދަށުގައި ބަހައްޓަން ޖެހޭކަން ފާހަގަކުރަމުން އެމްއެމްއޭއިން ބުނީ، 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ 5 އިންސައްތައަށް ދަށްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރެވޭނީ އިސްލާހީ ފިޔަވަޅުތައް އަވަހަށް ތަންފީޒުކޮށްގެން ކަމަށެވެ. އަދި އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް އައު ފިޔަވަޅުތަކެއް ރޭވިފައިނުވާތީ، ޓެކްސް އިދާރީ ހިންގުން ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ކޯޕަރޭޓް އިންކަމް ޓެކްސް އިތުރުކުރުމަށްވެސް ލަފާދީފައިވެއެވެ.
މީގެ އިތުރުން، ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާ އިތުރުވަމުންދާތީ އެ އިދާރާގެ ރެވެނިއު އެޑްމިނިސްޓްރޭޝަން މެންޑޭޓް މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށާއި، ލީސް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 771.0 މިލިއަން ރުފިޔާ ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅާފައިވެއެވެ. ހަމައެއާއެކު، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ކުރިމަތިވެދާނެ ލޮޅުމަކަށް ތައްޔާރުވެ، އިޤްތިޞާދު ސިންދަފާތު ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރިއެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން، އެންމެނަށް އެއްހަމައަކުން ދޭ ސަބްސިޑީ ބަދަލުކޮށް، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ދޭ "ޓާގެޓެޑް ސަބްސިޑީ" ނިޒާމަކަށް އަވަހަށް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. އަދި އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އާސަންދައިގެ ތެރެއަށް "ކޯޕޭ" ނިޒާމު ގެނައުމަށާއި ބަލްކް ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވަނީ ދެކިފައެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭގޮތުން އެމްއެމްއޭއިން ލަފާދީފައިވަނީ، މިހާރު ހިނގަމުންދާ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އިސްކަންދީ، އަލަށް ފަށާ މަޝްރޫއުތައް ފައިނޭންސިންގ ލިބޭ މިންވަރަކުން ތަރުތީބުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އަދި އެފަދަ މަޝްރޫއުތަކަށް ލުއި ލޯނާއި "ގްރީން ފައިނޭންސިންގ" ހޯދުމަށް އިސްކަންދިނުމަށް މަރުކަޒީ ބޭންކުން ވަނީ ބާރުއަޅާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement