މުދައްރިސުންގެ ޝަކުވާ - ހަމަ އެއްވެސް ޙައްޤެއް ކަށަވަރެއްނުވޭ!

މުދައްރިސުންގެ ޝަކުވާ - ހަމަ އެއްވެސް ޙައްޤެއް ކަށަވަރެއްނުވޭ!

6 months ago - 10:48
Jan 25, 2024 - 15:37

ޓީޗަރުންނަށް އޮތީ ކޮން ޙައްޤެއްތޯ؟

ޓީޗަރުންނަކަށް މެޑިކަލް ސްކީމެއް ނޯވެއެވެ. މަންއިން ބަފައިންނާއި އަނބިދަރިންނަކަށް ނުވަތަ ފިރިންނަކަށް ބޭސްފަރުވާގެ އެއްވެސް ޚާއްޞަ ޚިދުމަތެއް ނެތެވެ. ޢުމުރުދުވަހު ޓީޗަރެއްގެ ވަޒީފާގައި އުޅެފައި، ވަޒީފާއިން ރިޓަޔާރ ކުރީމައި ލިބޭނެ އެއްވެސް ޢިނާޔަތެއް، ފައިސާގެ އިނާމެއް، ހަދިޔާއެއް ނެތެވެ. ކިޔެވުން ނިންމާލާފައި ޓީންއޭޖްގައި ސްކޫލްގެ ރިލީފް ޓީޗަރެއްގެ ވަޒީފާއަދާކުރަން ފެށިގޮތަށް، ޓީޗިންގ ހަދައިގެން (ކޯސްނިންމާފައި) ތަޢުލީމީ ދާއިރާއާއި ގުޅުނު ގިނަމީހުން 55 އަހަރުވަންދެންވެސް މިއުޅެނީ ޓީޗަރަކަށެވެ. ވަޒީފާއަދާކުރާ ޢުމުރުހަމަވެގެން ރިޓަޔާރކޮށްފައި ސްކޫލުގެ މައިދޮރޯށިން ނުކުމެގެން ގޮސް، އަމިއްލަ ގޭގެގޭދޮރުން އެތެރެއަށް ވަންނަން މިޖެހެނީ އެއްވެސް އެއްޗެއްނެތި ބަނގުރޫޓުވެފައިވާ ފަޤީރެއްގެ ގޮތުގައެވެ. ޚިދުމަތުގެ އަގު ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ވަޒަން ނުކުރިތާގައި އަމިއްލަ މީހާއަށްވެސް އެކަމުގެ އަގު ވަޒަންކުރާނެ ގޮތެއް ނޭނގޭ ޙާލުގައެވެ.

އަޅުގަނޑުގެ ޙަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވާނީ ކިޔަވައިދިނުމުގައެވެ. އެންމެބޮޑަށް ކުރަން ބޭ ނުންވި މަސައްކަތަކީ ކިޔަވައިދިނުމެވެ. ކިޔަވައިދިނުމަކީ އަޅުގަނޑުގެ ހިތާއި ފުރާނައާ ގުޅިފައިވާ ކަމެކޭ ބުނުމަކީ އެއީ އެންމެ ރަނގަޅު ބުނުންކަމުގައި ދެކެމެވެ. ޙަޔާތުގެ ދެބައިކުޅައެއްބައި ކިޔަވައިދިނުމުގައި ހޭދަކުރުމަށް ފަހު، ތަޢުލީމީ ދާއިރާއިން ފެއަށް ޖެހިލަން މަޖުބޫރުވީ ޓީޗަރުންގެ ޙައްޤުތައް ހޯދަންކުރެވުނު ރަސްމީ މަސައްކަތުގެ ތެރެއިން ދިމާވި ފިއްތުންތަކުގެ ސަބަބުވެސް އޮތީމައެވެ. ތަޢުލީމީ ދާއިރާއާ ފެއަށް ޖެހުނީކީ ނޫނެވެ. ފޭކުރުވީއެވެ. އަދަބުދީގެންނާ، އިންޒާރުދީގެން ފޫހިކުރުވީއެވެ. މިނިސްޓްރީގެ ވެރިންނާއި ޕީ.އެސް އަޙްމަދު ޢަލީގެ ދުއްތުރާތަކާ ހަނގުރާމަކުރަން ޖެހުމުން، ޓީޗިންގ ދާއިރާމަތިން މުޅިން މާޔޫސްވެގެން އެހެން ގޮތެއް ހޯދަން މަޖުބޫރުވީމާ، ވަޒީފާ ބަދަލުކޮށްލީއެވެ. ހިތާއި ދެކޮޅަށް ސްކޫލުން ނިކުމެ، ހަށިފޮޅާލުމުން ދުނިޔޭގެ އަޞްލު މަންޒަރުތައް ސްކޫލުގެ ހަތަރުފާރުން އެތެރޭގައި ހުރެ ބަލައިލީމާ ފެންނަގޮތާ ހާސްބައި ތަފާތުކަމުގެ އިޙްސާސް ކުރެވުނެވެ. އެހިސާބުން ހިތުގައި ޢަޒުމު ކަނޑައެޅީ ދެން ދުވަހަކުވެސް ސްކޫލުގެ ދޮރޯށިން ބޯވެސް ދިއްކޮށްނުލާންށެވެ.

ޓީޗަރެއް ވަޒީފާއަކީ ކޮބައިކަމާއި ލީޑިންގ ޓީޗަރެއްގެ ޒިންމާއަކީ ކޮބައިކަން އަޅުގަނޑަށްވެސް އިޙްސާސް ކުރެވިފައިވާތީ، އެވާހަކަ ކޮންމެވެސް ވަރަކަށް ދައްކާލާނަމެވެ. ފުރަތަމަ ޓީޗަރެވެ. ކިލާސްޓީޗަރެއްގެ ޒިންމާ އަދާކުރާ، ކިލާސްޓީޗަރެވެ. އަމިއްލަ ދަރިފުޅު ގޭތެރެއަށް ދޫކޮށްލާފައި، ސްކޫލުގައި ކިޔަވާކުދިން ސްކޫލަށް އައުމުގެ ވިއްސަކަށް މިނިޓްކުރިން ސްކޫލަށް ޙާޒިރުވާން ޖެހެއެވެ. ކިލާސްރެކޯޑާއި، ޙާޒިރީ ބަލައި ޗެކްކޮށް، ފޮތްތައް ހަމަކޮށްގެން ކިލާހަށް ދިއުމަށްފަހު ކުދިންނަށް މަރްޙަބާ ކިޔުމެވެ. ރެޖިސްޓްރީ މާރކުކުރުމަށް ފަހު، ޙާޒިރުނުވާ ކުދިންގެ ބެލެނިވެރިންނަށް ގުޅައިގެން މަޢުލޫމާތު އެއްކުރުމެވެ. ސްކޫލުގެ ރަސްމީ ދަންފަޅި ނިމުމުގެ ކުރިން ސްކޫލަށް ޙާޒިރުވީ ކުދިންނާއި ޙާޒިރުނުވާ ކުދިންގެ ހުރިހާ މަޢުލޫމާތެއް "މީމިސް" ކިޔާ އޮންލައިން ޕްލެޓްފޯމަކަށް އަދާހަމަކުރަންޖެހެއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައިހެން ޖުމްލަކޮށް ދުވާލަކު ކިޔަވައިދޭނީ ރަސްމީ 8 ޕީރިއަޑެވެ. ޢާއްމުގޮތެއްގައި ކޮންމެ ޓީޗަރަކުވެސް ދުވާލަކު (މަދުވެގެން) 35 މިނިޓްގެ 4 ޕީރިއަޑާއި 6 ޕީރިއަޑާއި ދެމެދުގެ ޢަދަދަކަށް ކިޔަވައިދޭން ޖެހޭނެއެވެ. އެއަށްފަހު ތަފާތު ސަބަބުތަކާހުރެ އެދުވަހު ސްކޫލަށް ޙާޒިރުނުވާ ޓީޗަރުންގެ ރިލީފް ގަޑިތަކަށް ކިލާސްތަކަށް ދާންޖެހޭނެއެވެ. އެހެންވީމާ ކޮންމެދުވަހަކުހެން ޓީޗަރަކު 6 ނުވަތަ 7 ޕީރިއަޑް، ކިލާސްތަކުގައި ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރާނެއެވެ. ބައެއްޓީޗަރުންނަށް މިއަށްވުރެ މަދުންވެސް ގަޑިލިބެއެވެ. ކިޔަވައިދޭ މާއްދާގެ ގޮތުން ނަގަންޖެހޭ ގަޑީގެ ޢަދަދު މަދުވާތީ ބައެއް ޓީޗަރުންނަށް ވަރަށް ލުއިކޮށްވެސް އޮވެއެވެ. އެހެންނަމަވެސް މިއީ ވަރަށް މަދު ޢަދަދެކެވެ.

ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، ގްރޭޑް 9، 10 ގެ ދަރިވަރުންގެ އެކްސްޓްރާ ގަޑިތައް ބަރާބަރަށް ނަގަމުން ގެންދާނެއެވެ. ގިނަ ސްކޫލުތަކުގައި ކޮންމެ މާއްދާއަކުން ހަފްތާއަކު 2 ގަޑި، އެކްސްޓްރާ ގަޑީގެ ގޮތުގައި ނަގައެވެ. އަދި ކޮބައިތޯއެވެ؟ ޔުނީފޯމް ބޮޑީސްގެ ޙަރަކާތްތަކުގައި ވެސް އުޅޭނީ ހަމަ އެއްކަލަ ޓީޗަރުންނެވެ. ސްޕޯޓްސް ކަންތައްތަކާއި، އަދަބީ ޙަރަކާތްތަކަށް ކުދިން ތައްޔާރުކުރުން މިއީވެސް ހަމަ ޓީޗަރުގެ ޒިންމާއެވެ.

ދެން އަހަރުގެ ކަލަންޑަރަށް ބަލައިލަމާ ހިނގާށެވެ. މުޅި ކަލަންޑަރު އޮތީ ބައިނަލްޢަޤްވާމީ ގޮތުންނާއި، ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ދުވަސްތަކުން ފުރިފައެވެ. ޤައުމީދުވަހާއި ހުރަވީ ދުވަހެވެ. އަންހެނުނާއި ފިރިހެނުންގެ ދުވަސް ފަދަ ދުވަސްތަކެވެ. މި ހުރިހާ ދުވަހެއް ފާހަގަކުރުމުގެ ޢަމަލީ މަސައްކަތަކީ ޓީޗަރުންގެ ހަމަ "ރަސްމީ" މަސައްކަތެވެ. މިހުރީ ރެކެވެންނެތް ޒިންމާއެކެވެ. ބޯދަމައިނުގަނެވޭނެހެން ޓީޗަރުންގެ ކަރަށް މަހާލާފައިވާ "ދަންމަޅި" ތަކެކެވެ. ނަމަކީ ޓީޗަރެވެ. އަޞްލަކީ ކިޔަވައިދިނުމެވެ. ތަޢުލީމު އުނގަންނައިދިނުމާއި ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. ނަމުގައި ޓީޗަރަކަށް ވިޔަސް މިއީ ފުޅިމަދު އުނގުރެއްފަދަ (ހުރިހާ ކަމެއްކުރާ) މީހުންނެވެ.

ދިވެހިރާއްޖޭގެ ނުވަދިހަ އިންސައްތައަށްވުރެ ގިނައިން، ސްކޫލުތައް މި ޙިއްސާކުރާނީ ރަށްރަށުގައިކަން އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. ރަށްރަށުގައި މަސައްކަތްކުރައްވާ ގިނަ ޓީޗަރުން 4 ނުވަތަ 5 ގްރޭޑަށް ކިޔަވައިދޭން ޖެހެއެވެ. ފުރަމާލެ ސަރަޙައްދުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާ އެއްގޮތަށް، ރަށްރަށުގެ ސްކޫލުތަކުގައި މަސައްކަތް ކުރައްވާޓީޗަރުންވެސް ކުރަންޖެހެނީ ހަމަ އެއްމަސައްކަތްތަކެކެވެ. ސްކީމް އޮފް ވާރކް ކޮންމެ ގްރޭޑަކަށް ވަކިން ތައްޔާރުކުރަން ޖެހެއެވެ. ކިޔަވައިދޭ ކޮންމެ ޕީރިއަޑަކަށް ވަކިން ލެސަންނޯޓްސް ނުވަތަ ލެސަންޕަލޭން ހަދަން ޖެހެއެވެ. ކޮންމެ ލެސަންއަކަށް ތަމްރީނެއް ހަދަންޖެހެއެވެ. އެތަމްރީނުތައް މާރކުކުރުމާއި ފީޑްބެކްވެސް ދޭންޖެހެއެވެ. މިއީ ލިޔަން ފަސޭހަވިޔަސް، ކުރަން ހާދަހާ ބުރަ މަސައްކަތްތަކެކެވެ.  

އަދިވެސް މަސައްކަތްތައް އޮތީއެވެ. ކިލާސްތަކަށް ކިޔަވައިދީ ނިންމާފައި ފޮތްތައް މާކުކުރުން އަދި އޮތީއެވެ. މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ކިލާސްރޫމެއްގައި ކިޔަވަންތިބޭ ކުދިންގެ ޢަދަދުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ހަމަޔަޤީންނުންވެސް ކުދިންގެ ޢަދަދުތައް އުޅޭނީ ތިރީހުން މަތީގައެވެ. 5 ކިލާހަށް ކިޔަވައިދެއްވާ ޓީޗަރަކު ހަފްތާއަކު އެންމެ ތަމްރީނެއް ދިންކަމުގައިވިޔަސް، ހަފްތާއަކު 150 ފޮތް މާރކުކުރަން ޖެހޭނެއެވެ. ކޮންމެ ތަމްރީނެއްގައި އެތައްބައިވަރު ސުވާލެއް ހިމެނޭނެއެވެ. ގިނަ ޓީޗަރުން ހަފްތާއަކު 2 ނުވަތަ 3 ތަމްރީނުވެސް ދީފައި ހުރެއެވެ.

ކޮންމެ ދެމަހުން އެއްމަހު ޔުނިޓްޓެސްޓް ނަގަން ޖެހެއެވެ. ޕޭޕަރު ތައްޔާރުކުރަން ޖެހޭނީ ފަނަރަވަރަކަށް ސުވާލު ހިމެނޭގޮތަށެވެ. ކިލާސްތަކަށް ޤަވާޢިދުން ކިޔަވައިދެމުން، ފޮތްތައް މާރކުކުރަމުން، ރިލީފް ގަޑިތައްވެސް ނަގަމުން ޕޭޕަރުތައް މާރކުކުރުމުގެ މަސައްކަތްވެސް މިއޮތީ ކުރަންޖެހިފައެވެ. ޓެސްޓް ޕޭޕަރުތައް މާރކުކުރުމަށް ފަހު ނަތީޖާ ޝީޓްތައް ތައްޔާރުކުރުމާ، އެނަލައިސިސް ހެދުމާ، އެއްކަލަ "މީމިސް" އަށް ނަތީޖާ އަޕްލޯޑްކުރުންވެސް ހަމަ އޮތީއެވެ. ސަހަރޯއެވެ! މިއޮތީ "އައިނުމަހާ އޮޑިޔާ" ވެފައެވެ. ދެނަކާދެނެއް ނެތެވެ. ޓީޗަރުން ހަމަ ކުރުދޮށީގައެވެ. ދަންނަވަންތޯއެވެ؟ އަދި ޓާރމުޓެސްޓްވެސް އޮތީއެވެ. ހޭލާހުރެގެން ގަދަމީހަކު ގަދަކަން ދައްކައިގެން މީމިސް އާ ހިފައި ގަދަވާންވީއެވެ.

ދެން އޮތީ އަޅާކިޔުމެވެ. ރުޅިއަޔަސް، ފުރައްސާރަ ކުރިޔަސް މިފަހަރު މިކަންވެސް ކޮށްލާނަމެވެ. ހަދާނެގޮތެއް ހަދަންވީއެވެ. ޑޮކްޓަރަކު ބަލިވެ، ސަލާމުގައި ހުރެއްޖެނަމަ ހަސްފަތާލުތަކުން ޢަމަލުކުރާގޮތަކީ އެދުވަހު އެޑަކްޓަރަކު ބަލަން ހަމަޖެހިފައިވާ ހުރިހާ ބަލިމީހުންބެލުން އެހެން ދުވަހަކަށް ތާވަލުކުރަނީއެވެ. ސަލާމުގައި ހުރި ޑަކްޓަރު އެދުވަހުން ބަލަން މެމޯ ހައްދާފައިވާ ބަލިމީހުން ބެލުން އެހެން ޑޮކްޓަރަކަށް، "ރިލީފް ގަޑި" ނަގާކަށް ނުޖެހެއެވެ. މިސާލަކަށް ބަލިވީ އެތެރެހަށީގެ ޑަކްޓަރެއް ކަމުގައި ވެފައި، އެތެރެހަށީގެ އިތުރު ޑަކްޓަރުން ޑިއުޓީގައި ތިއްބަސް، އަދި ބަލިމީހާ ކޮންމެ ޙާލެއްގައި އޮތަސް، ބަލިމީހާ ޖެހޭނީ ބަލިވި ޑަކްޓަރު ރަނގަޅުވަންދެން ކެތްކޮށްލާށެވެ! ހަސްފަތާލުތަކުގައި ޑޮކްޓަރުގެ ޒިންމާއަކީ ބަލިމީހުން ބެލުމެވެ. ފިޒިއޯތެރަޕީ ހެދުމާއި އެކްސްރޭ ނެގުންފަދަ ކަންކަން ކުރާނީ އެހެން ތަނަކުންނެވެ. ލެބޯޓެރީ ޓެސްޓް އަދި މުޅިން އެހެންބައެކެވެ. ނަތީޖާތައް ހެދުމާ ސާމްޕަލް ބަލައިގަތުމާއި ނަތީޖާތައް ދޫކުރުމުގެ ޒިންމާ އުފުލާނީވެސް އެހެން މުވައްޒަފުންނެވެ. އެކަމަކު މިހުރިހާ ކަމަކީވެސް ހަމަ އެއްކަލަ ބަލިމީހާއަށް ޓަކައި ކުރާ ކަންކަމެވެ.

ސްކޫލްތަކުން ޢަމަލުކުރަން ޖެހޭގޮތާ ހަސްފަތާލުތަކުން ޢަމަލުކުރާގޮތް އުޑާބިމާހާ ތަފާތެވެ. ޓީޗަރުންނާ އެހެނިހެން ޚިދުމަތްދޭ މީހުންގެ މަސައްކަތް ކުރަންޖެހޭ ގޮތުގެ ތަފާތުކަން ހަމައެކަނި މި މިސާލުންވެސް ދެނެގަނެވޭނެއެވެ. ފުލުހުންނާއި ސިފައިން ޢަމަލުކުރާ ގޮތަކީ ޑިއުޓީއަށް ނުކުންނަން ޖެހޭމީހަކު ބަލިވެއްޖެނަމަ އެ ޒިންމާ އުފުލަން އެހެންމީހަކު ޑިއުޓީއަދާކުރަން ނެރުމެވެ. ސްކޫލުތަކަށް ސްޕެއާރ ޓީޗަރުންނެއް، ނުވަތަ ރިކުއާރމެންޓް ކިރިޔާ ހަމަވާވަރަށް ޓީޗަރުން ހަމަކޮށްފައި އިތުރަށް އެންމެމީހަކުވެސް ނުލިބެއެވެ. އެހެންވީމާ ނެރޭނެ އިތުރުމީހަކު ނެތެވެ. އޯވަރލޯޑްވެގެން އިންޖީނު ނިއްވާލާހެން، އޯވަރލޯޑްވެގެން ސްކޫލް ބަންދުކޮށްފައި ކުދިން ގެއަށް ފޮނުވާލެވޭނެ ގޮތެއްވެސް ނެތެވެ. ޓީޗަރުން ހަނާވިޔަސް، ފަނާވިޔަސް ކިލާސްތަކަށް ކިޔަވައިދޭން ޓީޗަރުން ފޮނުވަން ޖެހެއެވެ.

ފުލުހުންނާއި ސިފައިންނަށް ޚާއްޞަ މެޑިކަލް ސްކީމްތައް ހުރެއެވެ. މި ސްކީމްގެ ދަށުން އަނބިދަރީންނަށާއި މަންއިން ބަފައިންނަށް ހިލޭ ބޭސްފަރުވާގެ ހުރިހާ ޚިދުމަތެއް ކުރެވެއެވެ. ވަޒީފާއިން ކެނޑިގެން ގެއަށްދަނީ އެތައްހާސް ރުފިޔާއެއް މަހަކު މުސާރައިގެ ގޮތުގައި ލިބޭނޭ ސްކީމެއްގެ ދަށުންނެވެ. ރިޓަޔާރ ކުރުމަށްފަހު، އަމިއްލަ ވިޔާފާރިއެއް ކުރިޔަސް ނުވަތަ ޕްރައިވެޓް ކުންފުންޏެއްގައި އެހެން ވަޒީފާއެއް އަދާކުރިޔަސް ސަރުކާރުގެ "މުސާރަ" ސްކީމްއިން މުސާރަވެސް ލިބެއެވެ. ޤާޒީންނާއި އަދިވެސް އެތައްބަޔަކަށް މިފަދަ ސްކީމްތައް ތަޢާރަފްކޮށް، ޚިދުމަތް ލިބެމުންދާއިރު، މިހާގެ މުޅިޢުމުރު ތަޢުލީމު އުނގަންނައިދީ ތަރުބިއްޔަތު ކުރުމުގެ މައިދާނުގައި މައިންބަފައިންނާއި ޢާއިލާ ދޫކޮށްލާ، އަމިއްލަ އުފާތަކާއި ހަމަޖެހުމާ، ރޭގަނޑުގެ އަރާމުނިދި މަޙްރޫމްކޮށްލައިގެން ޤައުމަށްޓަކައި އެތައްހާސް ޤުރްބާނީއެއްވި ޓީޗަރުންނަށް މިފަދަ ކަންކަން ހަމަޖެހިފައިނެތީ ކީއްވެގެންތޯ ކަމާބެހޭ ހުރިހާ މުޢައްސަސާއެއްގެ ވެރިންނާ އަޅުގަނޑު ސުވާލުކުރަމެވެ. ރާއްޖޭގެ ވަލިޔުއްލް އަމްރުގެ ފަރާތްޕުޅުންނާއި ސަރުކާރުގެ އެންމެ އިސްވެރިންގެ ފަރާތުން މިސުވާލަށް ޖަވާބެއްވެސް ބޭނުމެވެ.

ޓީޗަރުންނާމެދު މިފަދައިން އިހުމާލުވެފައި، އޮކްޓޯބަރ 5 ވަނަދުވަހު (ބައިނަލްޢަޤްވާމީ މުދައްރިސުންގެ ދުވަހު) އެޑިޔުކޭޝަން މިނިސްޓްރީ ނެރެލާ ޚިޠާބަކުން ނުވަތަ ބުނެލާ އެންމެ ދެތިން ބަހަކުން ޓީޗަރުންގެ ހުރިހާ ޙައްޤުތަކެއް އަދާކުރެވުނީ ކަމުގައި ދެކިލައްވަނީތޯއެވެ. ޓީޗަރުންނަކީ ޤައުމީ ޚިދުމަތުގައި ތިބި ބަޠަލުންނޭ ހަމައެކަނި އަނގައިން ބުނެލުކަމުން ޓީޗަރުންނަށް އެ އަދާކޮށްދެވުނީ ކޮންޙައްޤެއްތޯއެވެ؟

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow