
އެރިކް ޓެން ހަގް ގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ލެވަކޫސަން ބަލި
ބުންޑަސްލީގާގައި ބަޔާން ލެވަކޫސަން ކުޅުނު ފުރަތަމަ މެޗުން 1-2 ން ހޮފެންހަމް އަތުން ބަލިވެއްޖެއެވެ. މިއީ ޒަބީ އަލޮންސޯ ލެވަކޫސަން ދޫކޮށްލުމަށްފަހު ޓީމާ އަލަށް ގުޅުނު މެންޗެސްޓަރ ޔުނައިޓަޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހަގް ގެ އިރުޝާދުގެ ދަށުން ލީގުގައި ލެވަކޫސަން ކުޅުނު ފުރަތަމަ މެޗެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލީޑު ނެގީ ލެވަކޫސަން އިންނެވެ. މި ހޫނު މޫސުމުގައި ލިވަޕޫލްއިން ލެވަލޫސަން އާ ގުޅުނު ޖަރެލް ކުއަންސަހް ހަވަނަ މިނެޓްގައި މިގޯލް ކާމިޔާބުކުރީ އަލެކްސް ގްރިމާލްޑޯ ނަގައިދިން ހިލޭ ޖެހުން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފާއިތުވި ސިޒަނުގައި އެންމެ ޕޮއިންޓަކުން ރެލިގޭޝަނުން ސަލާމަތްވި ހޮފެންހަމް އިން ނަތީޖާ އެއްވަރުކުރީ މެޗުގެ 25 ވަނަ މިނިޓްގައެވެ. ފިސްނިކް އަސްލާނީ މިގޯލް ކާމިޔާބުކުރީ ލެވަކޫސަންގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މެޗުން ހޮފިންހަމް މޮޅުވި ގޯލް 52 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޓިމް ލެޕަރލޭ އެވެ. މި ގޯލް ޖެހުމުގައި އެހީތެރިވީ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އަސްލާނީ އެވެ.
"އަހަރެމެން މިތިބީ ވަރަށް ނާއުއްމީދުވެފައި. އެކަން ސާފު. އަހަރެމެން ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަހުރި. އަހަރެންގެ ތަޖުރިބާއަކީ މަސައްކަތް ކުރި ވަރަކަށް އަވަސްވާނެ އޭ ކާމިޔާބީ އާ ހަމައަށް ދާން" މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ޓެން ހަގް ބުނެފައި ވެއެވެ.
ރިއެކްޝަންސް






