ޔުނައިޓަޑްގެ ކުޅުންތެރިން ބޭނުންވަނީ ވެން ނިސްޓެލްރޫ ކްލަބުގައި މަޑުކުރަން: ކީޕަރު އޮނާނާ
މެންޗެސްޓަރ ޔުނައިޓަޑްގެ ވަގުތީ ކޯޗު ރޫޑް ވެން ނިސްޓެލްރޫ ކްލަބުގައި މަޑުކުރަން ކުޅުންތެރިން އެދޭކަމަށް ކީޕަރު އަންދްރޭ އޮނާނާ ބުނެފިއެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގެ ކޯޗު ރުބެން އަމޯރިމް މެންޗެސްޓަރ ޔުނައިޓަޑްގެ އާ ކޯޗަކަށް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ވަގުތީ ކޯޗް, ވެން ނިސްޓެލްރޫގެ ކުރިމަގަށް ވާނެގޮތެއް އަދި ނޭނގެއެވެ. ނަމަވެސް ނޮވެމްބަރު 11 ވަނަ ދުވަހު ޔުނައިޓަޑާ ގުޅޭ އަމޯރިމް ކްލަބާ ހަވާލުވާނީ ލިސްބަންގެ އޭނާގެ ކޯޗިންގ ޓީމާވެސް އެކުގައެވެ.
ވެން ނިސްޓެލްރޫއީ ޔުނައިޓަޑްގެ ވަގުތީ ކޯޗުކަމާ ހަވާލުވީ 2022 ގައި ކްލަބާ ގުޅުނު އެރިކް ޓެން ހާއީގް އޮކްޓޯބަރު މަހު ޔުނައިޓަޑްގެ ކޯޗުގެ މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
ވެން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުންވެސް ޔުނައިޓަޑް ބަލިވެފައެއް ނުވެއެވެ. ބުރާސްފަތި ދުވަހު ޔުރޮޕާ ލީގުގައި ޕައޯކެ ގެ މައްޗަށް 2-0 ން ޔުނައިޓަޑް ކުރި ހޯދާފައިވާއިރު މިއީ ޔުރޮޕާ ލީގުގައި ފާއިތުވި އަހަރެއްހާ ދުވަހު ޔުނައިޓް މޮޅުވެފައިވާ ހަމައެކަނި ފަހަރެވެ.
"އޭނާ ވަރަށް ރަނގަޅަށް އަހަރެމެންނަށް އިރުޝާދުދޭ. ހުރިހާ ކުޅުންތެރިންވެސް އޭނާއާމެދު ހިތްހަމަޖެހޭ. އެންމެންވެސް ތިބީ އުފަލުން. ހުރިހާ ކުޅުންތެރިންވެސް ކޯޗް ނިސްޓެލްރޫއީ މަޑުކުރަން އެދޭ. އެކަމަކު އެއީ އަހަރެމެންގެ އަތްމަތީގަ އޮތް ކަމެއްނޫން. ކްލަބުގެ ނިންމުން އަހަރެމެން ޤަބޫލުކުރަންޖެހޭނެ" ޓީއެންޓީ ސްޕޯޓްސްއިން އެހި ސުވާލަކަށް ޖަވާބުދެމުން އޮނާނާ ބުނެފައި ވެއެވެ.
ކުޅުންތެރިންގެ ޝުޢޫރުތައް އޮނާނާ މީޑިއާއާ ޙިއްސާކޮށްފައިވާއިރު ވެން ނިސްޓެލްރޫއީވެސް ވަނީ އޭނާ މެންޗެސްޓަރ ޔުނައިޓަޑް ދޫކޮށް ދާން ބޭނުންނުވާކަމަށް ބުނެފައެވެ. ނަމަވެސް ވަގުތީ ކޯޗުގެ މަޤާމުގައި އޭނާ ހުންނަ މުއްދަތު ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ލެސްޓާ ސިތީއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ހަމަވާނެއެވެ.
ރިއެކްޝަންސް