މޮރީނިއޯ އަށް އެއް މެޗުގެ ސަސްޕެންޝަނަކާއެކު ބޮޑު ޖޫރިމަނާއެއް
ތުރުކީގެ ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯއަށް ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ސުލޫކީ ފިޔަވަޅު އަޅައިފިއެވެ. ފެޑެރޭޝަނުން ވަނީ މޮރީނިއޯ އެއް މެޗަށް ސަސަޕެންޑްކޮށް, 26,000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
މޮރީނިއޯއަށް އަދަބުދޭން ފެޑެރޭޝަނުން ނިންމީ ތުރުކީ ސުޕަ ލީގުގައި ފަހުވަގުތު ޓްރަބްޒޯންސްޕޯ އަތުން ފެނަބާޗޭ 3-2 ން މޮޅުވި މެޗަށްފަހު މޮރޯނިއޯގެ އަމަލުތައް ހުރި ގޮތުންނެވެ. ފިޔަވަޅު އެޅީ މެޗަށްފަހު ހިނގާ ދިޔަ ކަންތައްތަކަށް ފަހުއެވެ. މެޗު ނިންމުމުން ޓަނަލަށް ވަންނަމުން ސަޕޯޓަރުންނަށް އިޝާރާތްކޮށް އުފާފާޅުކުރި ގޮތުން ސަޕޯޓާރުން ވަނީ އޭނާ އާ ދިމާލަށް އެއްޗެހި އުކާފައެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ވަނީ މެޗުގެ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އާންމުކޮށްވެސް ފުޓްބޯޅައާ ގުޅޭ އެކިކަންކަމުގައި ފާޑުކިޔާ މޮރީނިއޯ އަށް މިފަހުން ވަނީ ތުރުކީގެ ފުޓްބޯޅައިގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މޮރީނިއޯ ބުނެފައި ވަނީ އޭނާ މިދަނީ ނިޒާމީ ގޮތުން ކަންކަމާ ފައިޓް ކުރަމުން ކަމަށާއި, އޮފިޝަލުން ތިބެނީ އެއްފަރާތަކަށް ބުރަވެފައި ކަމުގައެވެ. މި މިފަހަރުގެ ސަސްޕެންޝަން ބޮޑަށް އަމާޒުވެފައިވީ ރެފްރީނަށް ނިސްބަތްކޮށް މޮރީނިއޯގެ ބަސްމަގު ހުރިގޮތުން ކަމަށް ފެޑެރޭޝަންގެ ނިންމުމުގައި ވެއެވެ. ސަޕޯޓަރުންނާ ދިމާއަށް ބޭއަދަބީ ގޮތުން ދިމާކުރި މައްސަލައިގައި މޮރޯނިއޯ ވަނީ އިތުރު 1700 ޑޮލަރުންވެސް ޖޫރިމަނާ ކޮށްފައެވެ. މޮރީނިއޯއަށް އެއް މެޗުގެ ސަސަޕެންޝަނެއް ކުރިމަތިވެފައިވާއިރު އާދިއްތަ ދުވަހު ފެނަބާޗޭއިން ސިވަސްޕޯރްއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމުގެ ލޮކަރ ރޫމަށް ވަނުންވެސް މޮރީނިއޯއަށް މަނާވާނެއެވެ.
ރިއެކްޝަންސް