
އަންޗެލޮއްޓީއާއެކު ބްރެޒިލްގެ ފުރަތަމަ މޮޅުން ބްރެޒިލް ވޯލްޑްކަޕްގެ ޖާގަ ކަށަވަރުކޮށްފި
ފީފާ ވޯލްކަޕް ސައުތު އެމެރިކަން ކޮލިފިކޭޝަންގައި ރޭ ކާލޯ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ޕެރަގުއާއީ އަތުން 1-0 ން ބްރެޒިލް މޮޅުވެ 2026 ގެ ވޯލްޑްކަޕް ޖާގަ ކަށަވަރުކޮށްފިއެވެ. މިއީ އަންޗޮލެއްޓިއާއެކު ބްރެޒިލްގެ ފުރަތަމަ މޮޅެވެ.
އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ފާއިތުވި ހަފުތާގައި އިކުއެޑޯއާ ވަނީ އެއްވެސް ޓީމަކަށް ގޯލެއްނުޖެހި އެއްވަރުވެފައެވެ.
ޕެރަގުއާއީ އާ ދެކޮޅަށް ބްރެޒިލްގެ ހަމައެކަނި ގޯލް ކާމިޔާބުކޯށްދިނީ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑްގައި މޮޅު ސީޒަނެއް ހޭދަކުރުމަށްފަހު ޤައުމީޓީމުގެ ޑިއުޓީއާ ގުޅުނު ވިނީޝިއުސް ޖޫނިއަރ އެވެ. ވިނީ ގޯލް ކާމިޔާބުކުރުމުގައި މެންޗެސްޓަރ ޔުނައިޓަޑްގެ ޕްލޭމޭކަރު މެތިއުސް ކޫނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މެޗަށްފަހު އަންޗެލޮއްޓީ ބުނީ މިހާރު އެމީހުންނަށް ކަންކަން ރަނގަޅުކުރަން ހަމަޖެހިގެން ވަރަށް ވަގުތު އެބައޮތްކަމަށެވެ. މިއަދަކީ އެންމެ ރަނގަޅު މެޗު ނޫން ކަމަށާއި ނަމަވެސް ކޮލިފައި ވުމުގެ ހިތްހަމަޖެހުން ލިބިއްޖެ ކަމަށެވެ.
2026 ވޯލްޑްކަޕްގައި ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓްހޯދާ އޮޓޮމެޓިކް 6 ޖާގަ ލިބެއެވެ. ބްރެޒިލްގެ ކުރިން އާޖެންޓީނާ އަދި އިކުއެޑޯއިން ވަނީ ދެ ޖާގަ ކަށަވަރުކޮށްފައެވެ.
ރިއެކްޝަންސް






