އެލްޖީއޭގެ ބޯޑު އިންތިޚާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ދެ ކެންޑިޑޭޓުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ދެ މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިޚާބަކީ އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލުތައް ތަމްސީލުކުރާ މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ރައީސުން ތަމްސީލުކުރާ މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވި އިންތިޚާބެކެވެ.
މި އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރެއްވީ ރަށު ކައުންސިލަރުން ތަމްސީލުކުރައްވާ މެންބަރުކަމަށް ވާދަކުރެއްވި ފ. ނިލަންދޫ ކައުންސިލުގެ ރައީސް ޢަލީ އަޙްމަދާއި، އ.ތ.މ ކޮމިޓީތަކުގެ ރައީސާއިން ތަމްސީލުކުރައްވާ މެންބަރުކަމަށް ވާދަކުރެއްވި ށ. ފުނަދޫ އ.ތ.މ ކޮމިޓީގެ ރައީސާ މަރިޔަމް ޒީނާއެވެ.
އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން މީސްމީޑިއާ މަންސަތަކުގައި ޝާއިޢުކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ދެ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
މީގެއިތުރުން، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވި ހުރިހާ ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެ ބޭފުޅުން ދެއްވި މި ވޯޓަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުޞަތުތައް ލާމަރުކަޒުކުރުމާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ ސިޔާސަތުތަކަށް އިތުރު ބާރެއް ދެއްވުމުގެ ގޮތުން ދެއްވި ވޯޓެއް ކަމަށެވެ.
ރިއެކްޝަންސް

