އާމްދަނީ ބޮޑު މީހުން އަމިއްލަ ތަންތަނުން ޚިދުމަތް ހޯދާއިރު %15 ގެ ކޯ-ޕޭމަންޓެއް ނަގަން ނިންމައިފި

އާމްދަނީ ބޮޑު މީހުން އަމިއްލަ ތަންތަނުން ޚިދުމަތް ހޯދާއިރު %15 ގެ ކޯ-ޕޭމަންޓެއް ނަގަން ނިންމައިފި

1 hour ago - 23:18
Advertisement
Advertisement

ދައުލަތުގެ ސިއްޙީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމުގެ ގޮތުން، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އަމިއްލަ ސިއްޙީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަށް ޢަމަލުކުރަން ފަށާނީ 1 ޖެނުއަރީ 2027 އިން ފެށިގެން ކަމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ ހާމަކޮށްފައެވެ.


އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާ ގުޅޭގޮތުން ގެޒެޓުކުރި އުޞޫލުގައިވާ ގޮތުން، މި ފީ ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އާސަންދައިގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންނެވެ. އެހެންކަމުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުން ޚިދުމަތް ހޯދާ އެއްވެސް ފަރާތެއްގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ.


މީގެއިތުރުން، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދުމަށްފަހު، މިހާރުވެސް އޮންނަ އުޞޫލުގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި، އެއްވެސް ކޯ-ޕޭމަންޓަކާ ނުލައި ފުރިހަމަ ޚިދުމަތް ލިބިގެންދާނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.


އާމްދަނީ ބޮޑު ނަމަވެސް، ޤައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި އެފަދަ ފަރާތްތައް ވަޒީފާތަކުގައި ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް ވަނީ މި އުޞޫލުން އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން

މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ އާސަންދަ ނިޒާމު ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓުން އިސްރާފުވުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އިޞްލާޙީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިގޮތަށް ސަލާމަތްކުރެވޭ ފައިސާ ބޭނުންކުރެވިގެންދާނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ޚިދުމަތްތައް ފުޅާކުރުމަށާއި، އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފަހިކޮށްދިނުމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement