ކޮންމެ 16 ގަޑިއިރަކުން މީހަކު ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗްއިން ފަރުވާދޭ!
ސްޓްރޯކް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ކޮންމެ 16 ގަޑިއިރަކުން މީހަކު ފަރުވާ ހޯދަން އަންނަ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އައިޖީއެމްއެޗުން މިކަން ހާމަކޮށްފައިވަނީ ސްޓްރޯކަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން މިއަދު އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތާ ދިމާކޮށް އާންމުކުރި ވީޑިއޯއެއްގައެވެ. އެ ހޮސްޕިޓަލުން ދިން ވަރުގަދަ މެސެޖަކީ ސްޓްރޯކަކީ ވަކި އުމުރެއްގެ ބަޔަކަށް ޖެހޭ އެއްޗެއް ނޫން ކަމާއި، ކޮންމެ އުމުރެއްގެ މީހަކަށް ވެސް ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތް ކަމެވެ.
ރާއްޖޭގައި މިހާރު އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާއިރު، އޭގެ ތެރޭގައި އެންމެ އާންމީ ހިތުގެ ބަލިތަކާއި ސްޓްރޯކެވެ. އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރު އެކަނިވެސް ސްޓްރޯކް ޖެހިގެން 500 މީހުން އެޑްމިޓްކޮށްގެން ވަނީ ފަރުވާދީފައެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. އަލީ އާފީ ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު ސްޓްރޯކް ޖެހޭ މިންވަރު މިހާރު 50 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގިނައިން ސްޓްރޯކް ޖެހެނީ ޒުވާނުންނާއި އުމުރުން ހަގު މީހުންނަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





