އަމީނީ މަގު ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި، މި ހަފުތާގައި ހުޅުވާލަނީ
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ސެގްމަންޓް 3 ގެ މަސައްކަތްތައް އެއްކޮށް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަހައްދު އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އިއްޒުއްދީން ހިނގުމުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ހިމެނޭ ސެގްމަންޓް 3 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި، ޖަންކްޝަންތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ހަފުތާ ނިމުމުގެ ކުރިން މި ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މި ސެގްމަންޓްގެ ދަށުން 1،924.77 އަކަމީޓަރުގެ ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އޭބީސީ އާއި ތާރު ވަނީ އަޅާފައެވެ.
މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތްތައް ވެސް މީގެކުރިން ވަނީ ކާމިޔާބުކަމާއެކު ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން، ސެގްމަންޓް 1 ގެ ދަށުން ކުރިން އަޅާފައިވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަދި ތާރު ނެގުމަށްފަހު، 2،794.062 އަކަމީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް، ސަބްބޭސް، އޭބީސީ އަދި އަލުން ތާރު އެޅުމާއި ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ސެގްމަންޓް 2 ގެ ދަށުން 133.64 އަކަމީޓަރުގެ ސަރަހައްދެއްގެ ކުރީގެ ތާރު ނަގައި، އޭބީސީ އަދި އަލުން ތާރު އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
ސެގްމަންޓް 3 އާންމުންނަށް ހުޅުވާލުމުގެ ތައްޔާރީތައް ވަމުންދާއިރު، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 4 ގެ މަސައްކަތެވެ. މިއީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ 1،148.91 އަކަމީޓަރުގެ ސަރަހައްދެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ސެގްމަންޓް 4 ގެ މަސައްކަތުގެ ތެރޭގައި ވެސް ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އޭބީސީއާއި ތާރު އެޅުމުގެ އިތުރުން، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވީހާވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސޫދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ރިއެކްޝަންސް





