ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލައިފި
މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި އެކީ ގުޅުވައިލުމަށް ސަރުކާރުން ކުރިއަށްގެންދާ "ތިލަމާލެ ބްރިޖު" މަޝްރޫޢުގެ ދަށުން، ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލައިފިއެވެ.
މި މުހިންމު ކާމިޔާބީ ހާމަކުރައްވައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫޢުގައި މިއަދު މިވަނީ ވަރަށް ޚާއްސަ ލަނޑުދަނޑިއެއް ހާސިލުކުރެވިފައި ކަމަށާއި، އެގޮތުން ވިލިމާލެ އާއި ގުޅިފަޅު މިހާރު ބްރިޖުގެ އެޅުމުގެ މަސައްކަތުން ގުޅާލެވިފައިވާ ކަމަށެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާލެއާއި ވިލިމާލެ ކުރިން ގުޅާލެވިފައިވާއިރު، މިއަދު ވިލިމާލެއާއި ގުޅިފަޅު ގުޅާލެވުމަކީ މަޝްރޫޢު ނިންމުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަމާއި ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޑިޔާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓުގެ ދަށުން 500 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ބްރިޖުގެ މަސައްކަތް ކުރިން ވަރަށް ލަސް ދުވެއްޔެއްގައި ކުރިއަށްދިޔަ ނަމަވެސް، މަޝްރޫޢުގެ ދުވެލި ހަލުއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހުގައެވެ. އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު ނިމިފައިވަނީ މަޝްރޫޢުގެ އެންމެ 38 އިންސައްތަ މަސައްކަތެވެ. އަދި އޭރު ބްރިޖުގެ ގިނަ ތަނބުތަކުގެ މަސައްކަތް ނުފެށި ހުރިއިރު، ފެށިފައިވަނީ އެންމެ ތަނބެއްގެ މަސައްކަތެވެ.
ނަމަވެސް، މި ސަރުކާރުން މި މަޝްރޫޢަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުން، މިހާރު މަސައްކަތުގެ ދުވެލި ވަރަށް ބޮޑަށް ހަލުއިކުރެވި، ބްރިޖުގެ ބޮޑުބައެއް ވަނީ ނިމުމަކާ ހަމައަށް ގެނެވިފައެވެ.
ތިން ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓް ކަމުގައިވާ މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މިހާރު މިވަނީ ދެވަނަ މަރުޙަލާގެ ތެރެއިން ވިލިމާލެއާއި ގުޅިފަޅު ވެސް އެއްކޮށް ގުޅާލެވިފައެވެ. މި ބޮޑު މަޝްރޫޢު އެއްކޮށް ނިމުމުން ގްރޭޓަރ މާލެ ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއަށް ބޮޑު އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





