އަންނަ އަހަރުގެ ބަޖެޓުން ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅައިފި

އަންނަ އަހަރުގެ ބަޖެޓުން ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅައިފި

46 minutes ago - 20:08
Advertisement
Advertisement

އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. މިއީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް 17.6 އިންސައްތައެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަޔާން އިއްވަވަމުން މިނިސްޓަރ އޮފް ފިނޭންސް ހަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ޤައުމުގެ މުސްތަޤުބަލަށްޓަކައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްޤީކުރާ ހޮސްޕިޓަލްތައް ހިމެނޭހެން "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުމަށް އަންނަ އަހަރު ނިންމާފައިވާ ކަމަށެވެ. ސަރުކާރުން ދެކޭ ގޮތުގައި މި ބަދަލާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.


މީގެއިތުރުން، ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްތައް މަރުކަޒީ ނިޒާމެއްގެ ދަށުން ހޯދޭނެ އިންތިޒާމު ޤާއިމުކުރުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި "ސްޓޭޓް ފާމާ" މެދުވެރިކޮށް ބޭސް ހޯދުމުގެ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމާއެކު، އަސާސީ ބޭހާއި ކޮންސިއުމަބަލްސް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓުގައި ދެން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެކޯ ޗެމްބަރ، އެކްސް-ރޭ، ސީ.ޓީ ސްކޭން، އެމް.އާރް.އައި، އަދި ދަތުގެ ފަރުވާގެ ޚިދުމަތް ފުޅާކުރުމަށެވެ. އަދި ކަރުންމަތީގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކާއި ވިހެއުމާ، ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް ތަރައްޤީކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ސްޕެޝަލައިޒްޑް ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.


އަންނަ 2027 ވަނަ އަހަރަށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގާ 2026 ވަނަ އަހަރުގެ ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement