ރޭޕް ކޭސް މައްސަލަ: ބައެއް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ދެ ކުދިންނަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު ބައެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު ނޫހު ނިޔާޒު (20އ) ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ. މީގެއިތުރުން، މުހައްމަދު މިޝަލް އަހްމަދު ޒުހައިރު (20އ) އިތުރު 30 ދުވަހަށް، ނަޖުމުﷲ ހަސަން (35އ) އިތުރު 45 ދުވަހަށް އަދި މުހައްމަދު ސާލިހު އަހްމަދު (26އ) އާއި އަހްމަދު ސާނިޖު ސާދިގު (32އ) އިތުރު 5 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވަނީ މި މައްސަލައިގައި މީގެކުރިން މައުލޫމާތު ދިނުމުގައި އެރި ކުށެއްވެސް އިސްލާހުކޮށްފައެވެ. އެގޮތުން، އަހްމަދު ސާނިޖު ސާދިގު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ކުރިން ބުނެވިފައިވަނީ އެރި އޮޅުމަކުން ކަމަށާއި، އޭނާ ފުރަތަމަ ބަންދުކުރަން އަމުރުކުރީ 5 ދުވަހަށް ކަމަށް ބުނެ ފުލުހުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.
މި މައްސަލައަކީ ދެކުނުގެ ރަށެއްގައި ބަޔަކު ވެގެން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވިގެން މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެންމެ ފުރަތަމަ އެކަކު ހައްޔަރުކުރި ނަމަވެސް، ތަހުގީގު ފުޅާކޮށް ޖުމްލަ 9 ދިވެހި ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި 9 މީހުންނާއި އެމީހުންގެ ބަންދުގެ ތަފްސީލު:
މުހައްމަދު މައިސަން ޝިޔާޒު (21އ) - ފުރަތަމަ ދިނީ 10 ދުވަސް
އަހުމަދު އިފްތިޝާމް ޒަރީރު (24އ) - ބަންދުކުރީ 90 ދުވަހަށް
ނަޖުމުﷲ ހަސަން (35އ) - ފުރަތަމަ 5 ދުވަސް، މިހާރު އިތުރު 45 ދުވަސް
އާޒިމް މުފީދު (24އ) - ބަންދުކުރީ 15 ދުވަހަށް
އަލީ ހުޒާމް ސައީދު (31އ) - ބަންދުކުރީ 90 ދުވަހަށް
މުހައްމަދު ސޯލިހު އަހުމަދު (26އ) - ފުރަތަމަ 5 ދުވަސް، މިހާރު އިތުރު 5 ދުވަސް
އަހުމަދު ނޫހު ނިޔާޒު (20އ) - ފުރަތަމަ 5 ދުވަސް، މިހާރު ޝަރީއަތް ނިމެންދެން ބަންދު
މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ) - ފުރަތަމަ 5 ދުވަސް، މިހާރު އިތުރު 30 ދުވަސް
އަހުމަދު ސާނިޖު ސޯދިގު (32އ) - ފުރަތަމަ 5 ދުވަސް، މިހާރު އިތުރު 5 ދުވަސް
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު ނުރައްކާތެރި ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ނާޖާއިޒު ފައިދާ (އެކްސްޕްލޮއިޓް) ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





