ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި
ފޮޓޯ: ޕީއެސްއެމް

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި

2 hours ago - 19:06
Apr 20, 2026 - 19:07
Advertisement
Advertisement

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މުޅިން ނިންމާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާން ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.


ގާދިއްފުށީގައި 11 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ރައީސް ޑރ. މުޢިއްޒު ކުރިންވެސް ވިދާޅުވެފައިވާ ފަދައިން، މި ބިޔަ މަޝްރޫޢު ވަނީ އެންމެ 8 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާފައެވެ.


މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ އިންތިޚާބުތަކާ ދިމާކޮށް ނުވަތަ އިންތިޚާބުގެ ނަތީޖާއަށް ބަލައިގެން މަޝްރޫޢުތައް ކުރިއަށް ގެންދާ ސަރުކާރެއް ނޫން ކަމަށެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު ނަމަވެސް، އެ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.


"އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނަން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގެ ބިން ހިއްކުމަށް 390،000 ކޮޑިމީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ. ބިން ހިއްކުމުގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއަކާއި، 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއްގެ އިތުރުން 100 މީޓަރުގެ ގްރޮއިންއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.


ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މި މަޝްރޫޢު ނިމުމާއެކު ގާދިއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement