ތިލަމާލެ ބްރިޖު ނިންމުމުގެ މުއްދަތު 2027 އަށް އިތުރުކޮށްފި
ފޮޓޯ: ދަ ޕްރެސް

ތިލަމާލެ ބްރިޖު ނިންމުމުގެ މުއްދަތު 2027 އަށް އިތުރުކޮށްފި

2 hours ago - 18:53
Advertisement
Advertisement

ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އިންޑިއާގެ އެފްކޯންސް ކުންފުނިން މަޝްރޫއު ނިންމުމަށް އެދެމުންދާ މުއްދަތު އިތުރުކޮށް، އެ މަސައްކަތް ނިންމަންޖެހޭ ތާރީޚު 2027 ވަނަ އަހަރަށް ބަދަލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.


ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަލަދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދިން އެތައް ތާރީޚުތަކެއް މިހާރު ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އަދި މަސައްކަތްތައް ނުނިމި ލަސްވަމުންދާތީ، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރުގެ ފަރާތުން ތަކުރާރުކޮށް އެދެމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫއު އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާއިރުވެސް، މަސައްކަތް ކުރިއަށްދާ ދުވެއްޔާމެދު ހިތްހަމަޖެހުމެއް ނެތެވެ.

"ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު މިހާރު 2027 އަށް ވަނީ އިތުރުކޮށްފައި،" ރައީސް ވިދާޅުވިއެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން ތާރީޚުތައް ބަދަލުކުރި ނަމަވެސް، މަސައްކަތް އެއްބަސްވާ މުއްދަތަށް ނުނިމޭތީ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.


މި މަޝްރޫއުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ހައުސިން މިނިސްޓްރީން ބުނެފައިވަނީ، މުޅި ބްރިޖުގެ 71.60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ 1222 ސެގްމަންޓްގެ ތެރެއިން 84 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާއިރު، 54 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިމިފައެވެ.


ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ. މީގެ ކުރިން ނިމިދިޔަ ސަރުކާރުން އެފްކޯންސްއާއެކު ސޮއިކުރި ސަޕްލިމަންޓަރީ އެއްބަސްވުމުގެ ދަށުން ބްރިޖް ނިންމަން ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 30، 2026 އަށެވެ. ނަމަވެސް މިއަދު ރައީސް ހާމަކުރެއްވި ގޮތުގައި އެ މުއްދަތު މިހާރު ވަނީ 2027 ވަނަ އަހަރަށް ފަސްކުރެވިފައެވެ. ސީދާ ނިންމާނެ ތާރީޚެއް ރައީސް ވިދާޅެއް ނުވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement