ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޢަބްދުﷲ ޖަމީލް މޫސާ

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޢަބްދުﷲ ޖަމީލް މޫސާ

2 hours ago - 18:46
Apr 20, 2026 - 19:11

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށާއި، ފެމެލީ ކޯޓުގެ އިސްޤާޟީގެ މަޤާމަށް ބޭފުޅުން އައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިފިއެވެ.


ޖޭއެސްސީން ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއެވެ. އަދި ފެމެލީ ކޯޓުގެ އިސްޤާޟީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދެވެ.


ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ޤާޟީކަމާއި، ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ.


އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހައިކޯޓު ވަގުތީގޮތުން ހިންގެވުން ހަވާލުކުރައްވާފައިވަނީ ވެސް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާއެވެ.


ފެމެލީ ކޯޓުގެ އިސްޤާޟީގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ނަޝީދު ވަނީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، އެ ކޯޓުގެ އިސްމެޖިސްޓްރޭޓްކަމާއި، ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައެވެ.


އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ފެމެލީ ކޯޓުގެ ޤާޟީކަމަށް އައްޔަންކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. މި ދެ މަޤާމަށް ބޭފުޅުން އައްޔަންކުރެއްވުމަކީ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޖޭއެސްސީން ނިންމެވި މުހިންމު ނިންމެވުމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow