މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ހުށަހަޅައިފި

1 hour ago - 14:39

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމުގެ ޤަރާރު މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފިއެވެ.


ރައްޔިތުންގެ މަޖިލީހުން މިއަދު އާންމުކުރި މަޢުލޫމާތުގައި ބުނެފައިވަނީ، މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށްވެސް މަޖިލީހުން ބުނެފައިވެއެވެ.


ނާޒިމް މަޤާމުން ވަކިކުރުމަށް ނިންމީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަށްފަހު، އޭނާ މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި ވަނީ ހަމަކޮށްފައެވެ.


މަޖިލީހުގެ ޤަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ 93 މެންބަރުންގެ ތެރެއިން 24 މެންބަރުންނެވެ. އަދި މަޤާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.


ޖުމްލަ 93 މެންބަރުން ތިއްބަވާ މިހާރުގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ. އަޙްމަދު ނާޒިމް މިހާރު ހުންނެވި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގައެވެ. އެ ދުވަހު ބޭއްވި ވޯޓުގައި ނާޒިމް ވަނީ 80 ވޯޓު ހޯއްދަވާފައެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.


ނާޒިމަކީ މީގެކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ، ތަޖުރިބާކާރު މެންބަރެކެވެ. މަޖިލީހުގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވީ ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow