އަމީރު ޤައުމު ވައްޓާލި އަނދަވަޅުން ސަލާމަތްކުރަން ރައީސް މުޢިއްޒު ދަނީ ބުރަކޮށް މަސައްކަތް ކުރައްވަމުން: ފަލާޙު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޤައުމު ވައްޓާލި މާލީ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުހަނު ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙު، އަމީރަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ފަލާޙު މިފަދައިން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއްޖޭގެ ރައްޔިތުން މީގެ ކުރިން ދުވަހަކުވެސް ފަގީރުނުވާ މިންވަރަށް މިހާރު ފަގީރުވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ވަޒީރު އަމީރު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އަމީރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާޙު ވިދާޅުވީ، ރައީސް މުޢިއްޒު ގެންދަވަނީ ރެއާއި ދުވާލު، އަމީރު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ޤައުމު ވައްޓާލާފައިވާ އަނދަވަޅުން ސަލާމަތްކޮށް، ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށްޓަކައި އެއްވެސް ވެރިޔަކު ނުކުރައްވާހާ ބުރަކޮށް އަދި އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ.
"އެ ދުވަހު ރައީސް ނަޝީދު ވިދާޅުވީ ހަމަ ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް. މުޅިންވެސް އަމީރު ހަދާފަހުރީ ވައްކަމުގެ ރަސީދު. އަމީރުގެ މާލީވަޒީރުކަމުގައި ކުންފުނިތަކާއި މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓުތައް ބަލާލީމަ ހަމަ ލޮލުން ކަރުނަ ހިފިނުހުރޭ،" ފަލާޙު ވިދާޅުވި އެވެ.
މީގެއިތުރުން، އަމީރު މިފަދަ ވާހަކަތައް ދައްކަވަނީ އޭރު ކޮށްފައިވާ ވައްކަންތައް ފޮރުވުމުގެ ބޭނުމުގައިތޯ ވެސް ފަލާޙު ވަނީ ސުވާލު އުފައްދަވާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2020 ވަނަ އަހަރު ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ދައުލަތުގެ އާމްދަނީ ދަށަށް ދިޔަ ދަނޑިވަޅުގައި އޭރުގެ އެމްޑީޕީ ސަރުކާރުން ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފަ އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ދައުލަތުގެ ޚަރަދުތަކަށް ފައިސާ އޯވަރޑްރާފްޓް ކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ހޯދައިގެން، 2020 އިން 2023 އާ ދެމެދު 8 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ވަނީ އިޤްތިޞާދުގެ ތެރެއަށް ދޫކޮށްފަ އެވެ.
މިގޮތަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގު އުފުލި، ދިވެހި ރުފިޔާގެ އަގު ވެއްޓި އަދި ޑޮލަރުގެ ތަދުމަޑުކަން ބޮޑުވާނެ ކަމަށް އިޤްތިޞާދީ މާހިރުންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އިންޒާރު ދެމުންދަނިކޮށް އެކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިންތިހާއަށް ދަށަށް ގޮސް، ޤައުމުގެ މާލީ ނުރައްކާތެރިކަން ވަނީ ބޮޑުވެގެން ގޮސްފަ އެވެ.
ރިއެކްޝަންސް

