ސިއްޙީ ދާއިރާއަށް މިއަހަރު 2،000 މުވައްޒަފުން އިތުރުކުރަނީ: ރައީސް
ސިއްޙީ ދާއިރާއަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި އެ ދާއިރާއަށް ގާތްގަނޑަކަށް 2،000 އެއްހާ މުވައްޒަފުން އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން އަންނަ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ވަނީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފަ އެވެ. އެ ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މިހާރު ތިބި މުވައްޒަފުންނަކީ އެކަށީގެންވާ އަދަދެއް ނޫނެވެ. އަދި ވޭތުވެދިޔަ ޑިސެމްބަރު މަހު މަތީ ތަޢުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ މެޑިކަލް އޮފިސަރުން ވަކިވުމާ ގުޅިގެން، މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމަށާއި، އިތުރު މުވައްޒަފުން ހޯދުމަށް އެދިފައިވީ ނަމަވެސް އެކަމަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސިއްޙީ ދާއިރާއަށް މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާ ކަމަށާއި، މިއަހަރުގެ އެކި މަރުހަލާތަކަށް ބަހާލައިގެން މުވައްޒަފުން އިތުރުކުރަމުން ގެންދާނެ ކަމަށެވެ.
"ހެލްތް ސެކްޓަރއަށް އެކަނި މިފަހަރު ސްޓާފުން އިތުރުކުރުމަށް އަޅުގަނޑުމެން އަސްލު ނިންމާފައިވާނީ. ނިިޔަލީ 2،000 އެއްހާ ސްޓާފުން މުޅި ރާއްޖެެ. އެ މަސައްކަތް ބެޗުބެޗަށް މިހާރު ކުރިއަށްދަނީ،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ލުއި ހޯދައިދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އަމާން އުދަރެސްގެ 6 ވަނަ ޓަވަރުގައި ޖީޕީ (ޖެނެރަލް ޕްރެކްޓިޝަނަރ) ކްލިނިކް އެޅުމުގެ ކޮންޓްރެކްޓް މިހާރު ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މި ކްލިނިކްތަކުގެ މަސައްކަތް ކުރިއަށް އޮތް 4 އިން 6 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭއިރު، އެ މަސައްކަތް ނިމެންދެން މަޑުނުކޮށް މެޑިކަލް އޮފިސަރުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލަށް 28 އެނދު އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އޭގެ ތެރެއިން 4 އެނދު ޚާއްޞަކުރެވިފައިވަނީ މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އަށެވެ. މީގެއިތުރުން އެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއަޓްރިކް ވޯޑްތަކާއި، ފޭސް 2 ގެ ޖީޕީ ކްލިނިކްގެ މަސައްކަތްތައް އަންނަ އޮކްޓޯބަރު މަހަށް ނިންމުމަށް ވަނީ ތާވަލުކުރެވިފަ އެވެ.
ރިއެކްޝަންސް





